ޚަބަރު

ބ.ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ނިންމާލައިފި

ބ.ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެރަށު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ބުނެފިއެވެ.

އެކުންފުނިން ބުނީ މިހާރު ކުރަމުންދަނީ އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭރުތޮށި ލުމުގެ މަސައްކަތްކަމަށެވެ. އަދި މިމަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފަހު ޝިޕްމަންޓް މިހާރު އެރަށަށް ފޮނުވާފައިވާކަމަށެވެ.

ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ ޖޫންމަހުގެ 10 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ހިމާޔަތް ކުރުމުގެ މަސައްކަތް ފެށީ ރަށުގެ ހުޅަނގު ފަރާތުންނެވެ. އެ ސަރަހައްދު އެއްކޮށް މިހާރު ނިމިފައިވާއިރު މިހާރު މަސައްކަތް ކުރަމުންދަނީ ރަށުގެ އިރުއުތުރު ފަރާތުގެ ބޭރު ތޮށީގެ މަސައްކަތެވެ.

ކެންދޫ ކައުންސިލްގެ ރައީސް އިބްރާޙީމް އަބްދުއްރަޙްމާން ވިދާޅުވީ މަސައްކަތްދާ ހަލުވިމިނަށް ބަލާނަމަ މިމަސް ނިމޭހިސާބަށް މަސައްކަތް ނިންމާލުމުގެ އުންމީދު ބޮޑުކަމަށެވެ.

މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު މުޅި މަސައްކަތުގެ 60 އިންސައްތަވަނީ ނިމިފައެވެ. މި މަސައްކަތުގެ ދަށުން 110 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި 1200 މީޓަރުގެ ސަރަހައްދެގައި ހަދާ ފަތާ ސަރަހައްދުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ. މީގެ އިތުރުން އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމަށް 803 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ތެރެއިން ބޭރު ތޮށި ނުލެވި އޮތީ ގާތްގަނޑަކަށް 150 މީޓަރުގެ ސަރަހައްދެއްކަމަށް އެރަށު ކައުންސިލުން ބުނެއެވެ. މި މަސައްކަތުގެ ދަށުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް 90 މީޓަރުގެ ދެ ގްރޮއިންޖެހުމަށްވަނީ ހަމަޖެހިފައެވެ.

ޒަމާނުންސުރެ ރަށްގިރުމުގެ މައްސަލަ ކުރިމަތިވާ ކެންދޫ ވަށައިގެން ހިމާޔަތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިގްއިން މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 41.1 މިލިއަން ރުފިޔާއަށެވެ.