 
					
									
			އަގުހެޔޮކޮށް ދަތުރުކުރެވޭ ބަޖެޓް އެއާރލައިނެއްކަމަށްވާ ވިޒް އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ. 
ވިޒް އެއަރގެ ފުރަތަމަ ފްލައިޓް މިއަދު ހަވީރު 5:00 ހާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާއިރު، އެކަން ފާހަގަކޮށް، އެ ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. 
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ މަހުޖޫބު ޝުއާއު ބައިވެރިވެވަޑައިގަތެވެ.
ވިޒް އެއަރގެ ދަތުރުތައް ހަފްތާއަކު 4 ދުވަހު ރާއްޖެއާއި އަބޫދާބީއާ ދެމެދު ބާއްވާނެއެވެ. އެއީ ހޮނިހިރު، އާދީއްތަ، އަންގާރަ، އަދި ބުރާސްފަތި ދުވަހެވެ. 
ކޮންމެ ދަތުރެއްގެ އަގަކީ 97 ޑޮލަރެވެ. މިދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ އެއާބަސް އޭ321 ނިއޯ މަރުކާގެ ބޯޓެކެވެ. 
ޔޫއޭއީގެ އަބޫ ދާބީއާއި ރާއްޖެއާ ދެމެދު މިހާރު ސީދާ ދަތުރުތައް ކުރަނީ އިއްތިހާދު އެއާވޭސްއިން އެކަންޏެވެ. ނަމަވެސް އެ ގައުމުގެ ދުބާއީއަށް ރާއްޖެއިން ކޮންމެ ދުވަހަކުވެސް ފްލައިޓްތައް އޮވެއެވެ.