ޚަބަރު

ޙައްޖު ކޯޕަރޭޝަންގެ ބޯޑަށް ބަދަލު ގެންނަވައިފި


މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެންނަވައިފިއެވެ. ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުޙައްމަދު ނިޒާރު ވިދާޅުވީ، ޙައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިއްބެވި ފަސް މެންބަރުންގެ ތެރެއިން މެނޭޖިން ޑިރެކްޓަރުގެ މަޤާމްގައި ހުންނެވި ޔާމީން އިދްރީސް ފިޔަވައި ދެން ތިއްބެވި މެންބަރުން ވަކިކުރެއްވުމަށްފަހު އާ މެންބަރުން މިއަދުން ފެށިގެން ޢައްޔަން ކުރައްވާފައިވާ ކަމަށެވެ.އެގޮތުން ޙައްޖު ކޯޕަރޭޝަންގެ ޗެއަރމަން ކަމުގެ ހަމަޖެއްސެވީ ދަފްތަރު ނަންބަރު "94-316" ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމެވެ. ކުރިން އެ މަޤާމުގައި ހުންނެވީ ޑރ ޢާއިޝަތު މުނީޒާއެވެ. ޑިރެކްޓަރުންގެ ބޯޑަށް ދެން ހަމަޖެއްސެވި ބޭފުޅުންނަކީ ބ.ތުޅާދޫ، މާފިލާގޭ އާދަމް ޢާތިފާއި، ލ.ގަމު، ކޯޒީ ކޯނަރ ފަރުހާދު ދާއޫދާއި ހ.އުމަރުފަރު މުޙައްމަދު ރިޒާކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ހާމަކުރައްވައެވެ. ޕްރައިވެޓައިޒޭޝަން ބޯޑުން ވިދާޅުވީ ޙައްޖު ކޯޕަރޭޝަންގެ ބޯޑަށް ބަދަލު ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ނަންތައް ހުށައެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހުކަމަށެވެ. މިއީ މިދިޔަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހު ޙައްޖު ކޯޕަރޭޝަން އުފައްދަވައި، އެ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލެއްވި ފަހުން، ޑިރެކްޓަރުންގެ ބޯޑަށް ގެންނެވި ފުރަތަމަ ބަދަލު.