ޚަބަރު

"ދަރިވަރުންގެ ގައިގައި އަށަގަންނުވަން ބޭނުންވާ ސިފަތަކުން މުދައްރިސުން ނަމޫނާ ދައްކަވާ"


ދަރިވަރުންގެ ގައިގައި އަށަގަންނުވަން ބޭނުންވާ ރިވެތި ސިފަތަކުން މުދައްރިސުން ނަމޫނާ ދެއްކެވުމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު އަލީ ގޮވާލައްވައިފިއެވެ. މިނިސްޓަރ މިފަދައިން ގޮވާލެއްވީ މިއަދު ފާހަގަކުރަމުން އަންނަ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު އަލީ ވަނީ ތަޢުލީމީ ދާއިރާއަށް އަންނަ ކޮންމެ މާނަވީ ބަދަލެއް ތަންފީޒުކުރާ ފަރާތަކީ މުދައްރިސުންކަން ފާހަގަކުރައްވާ ޤައުމު ގެންދާން ބޭނުންވާ މިސްރާބު، ޙަޤީޤަތުގައި އަމާޒުކުރާ ފަރާތަކީ މުދައްރިސުންކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ މިފަދަ ބޮޑު ޒިންމާއެއް ބޮލުގައި އެޅިފައި ވީހިނދު ދަރިވަރުން އުނގެނޭ ތަކެތި ބިނާވަނީ ހަމައެކަނި މުދައްރިސުން ނަގައިދެއްވާ ފިލާވަޅުތަކަށް ނޫންކަމަށެވެ. މުދައްރިސުންގެ ސުލޫކާއި، ދަރިވަރުންނާއި މުޖުތަމަޢާއެކު މުދައްރިސުން އުފައްދާ ގުޅުންތަކާއި، މީހުންނާ މުޢާމަލާތްކުރާ ގޮތްތަކުންވެސް ދަރިވަރުން ނަމޫނާ ނަގާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ ދަރިވަރުންގެ ދިރިއުޅުމުގައި، އެކުދީންނަށް އެންމެ ނުފޫޒު ފޯރާ އުމުރުފުރާގައި، އެކުދިންނާ ބައްދަލުވާ މުދައްރިސުންނަކީ އެކުދިންގެ އުޅުންތަކާއި ގުޅުންތައް ބައްޓަންކުރާ ފަރާތްކަން ފާހަގަކުރައްވާފެވެ.

"ދަރިވަރުންގެ ގައިގައި އަށަގަންނުވަން އަޅުގަނޑުމެން ބޭނުންވާ ރިވެތި ސިފަތަކުން ތިޔަ ބޭފުޅުން ނަމޫނާ ދެއްކެވުން. ދީނާއި ޤައުމުދެކެ ލޯބިވާ ބަޔަކަށްވުމާއި އެކަކު އަނެކަކަށް އަޅާލުމާއި އިޙްތިރާމްކުރުމާއި އިޤްތިސާދު ކުރުންފަދަ މަކާރިމުލްއަޚްލާޤްގެ އުޅުންތަކުން ފޭރާންލުން. ތިޔަ މުދައްރިސުން ދެއްކި ނަމޫނާ ނޫން އެހެން އުޅުމެއް އެކުދީންގެ ފަރާތުން، ފަހަކުން ނުފެންނާނެ. އިންދި އޮށުގެ ބާވަތަކުން ނޫނީ ގޮވާމެއް ނުކެނޑޭނެ." މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު އަލީ ވިދާޅުވިއެވެ.

މި ޚިތާބުގައި މިނިސްޓަރ ވަނީ ހަލުވި ދުވެއްޔެއްގައި ތަރައްޤީވަމުންދާ ދުނިޔެއަށް ހޭލުންތެރިވެފައިވާ ދަރިވަރުން ބިނާ ކުރުމަށްޓަކައި ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން އިހުގައި ޗޯކާއި ބޯޑުން ފުދުނުކަމުގައިވިޔަސް އަދުގެ ދަރިވަރުންނަށް ބޭނުންވަނީ ފަންނުވެރިކަމާއި ޓެކްނޮލޮޖީއާއި، އުފެއްދުންތެރިކަމުގެ ހުނަރުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އިހުގައި ކުލާހުގެ ހަތަރު ފާރުގެ ތެރެއިން ފިލާވަޅު ނަގައި ދެވުނު ކަމުގައިވިއަސް އަދުގެ ދަރިވަރުންނަށް އުޅެން ދިމާވެފައިވަނީ ޓެކޮނޮލޮޖީގެ ވެއްޓެއްގައިކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ތަޢުލީމީ ދާއިރާއަށް އަންނަ ކޮންމެ އިންޤިލާބީ ބަދަލެއްގެ ފަހަތުގައި ތިބެނީ ހަމަ ތިޔަ މުދައްރިސުން. މިކަން ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ކަށަވަރު ކޮށްދެއްވައިފި. ކޯވިޑުގެ އަނދިރި ވިލާގަނޑުގެ ތެރެއިން އުނގެނުން ހުއްޓާލަން ޖެހިދާނެކަމުގެ ބިރުވެރިކަން އަޅުގަނޑުމެންނާ ކުރިމަތިވީ ހިނދު ކުލާހުގެ ހަތަރުފާރުން ބޭރުވެ ބޭރުގެއަށް ފިލާވަޅުތައް ގެނެސްދިނުމުގައި މުދައްރިސުން އިސްނަންގަވައިގެން އެ ކޮށްދެއްވި ބުރަ މަސައްކަތް މިކަމުގެ ދަލީލަކަށް ފުދޭ."މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު އަލީ ވިދާޅުވިއެވެ.

މި އަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޔާރެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅަފައިވަނީ، "ދަ ޓްރާންސްފޮމޭޝަން އޮފް އެޑިއުކޭޝަން ބިގިންސް ވިތް ޓީޗަރ"އެވެ. މި ޝިއާރަށް އަލިއަޅުވާލައްވާ މިނިސްޓަރ ވިދާޅުވީ މި ޝިޔާރު ޚިޔާރުކުރީވެސް ކޯވިޑުގެ ދަތި ހާލަތުގައި މުދައްރިސުން ވީ ޤުރުބާނީގެ އަގު ވަޒަންކުރުމުގެ ގޮތުންކަމަށެވެ. އަދި ދިރިއުޅުމާ ދަރިވަރުން ކުރިމަތިލުމަށް ބޭނުންވާނެ އުކުޅުތަކާއި ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް މުދައްރިސުންނަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުތައް ހޯދައިދިނުމަށް އެހީތެރިވުމަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.