ލިވަޕޫލުގެ ފޯމު ރަނގަޅުކުރަން ބޭނުންވާނަމަ އަލުން ބޭސިކްސްއަށް އަނބުރާ ދާންޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.
ކްލޮޕް މިކަން ހާމަކޮށްފައިވަނީ މިފަހަރުގެ ޕްރިމިއަރ ލީގުގެ ފަރާތުން އެންމެ މޮޅު ކުޅުން ހުރިހަ މެޗެއްގައި ދެއްކެމުން ނުދާތީއެވެ.
ލިވަޕޫލްގައި އެންމެ ބޮޑަށް ފާހަގަ ވެފައިވަނީ ޑިފެންސް އެންމެ ވަރުގަދަ ނޫންކަމުގެ މައްސަލައެވެ. މިގޮތުން ސީޒަންގެ މިހާތަނަށް ބައިކޮޅަށް 14 ލަނޑު ވަދެފައިވެއެވެ. ކްލޮޕް ހާމަކުރިގޮތުގައި އާންމުކޮށް ކަމެއްގެ މައްސަލަ އެނގޭއިރަށް އެއަށް ވަގުތުން ހައްލު ހޯދޭކަމަށެވެ. ނަމަވެސް ފުޓްބޯޅައިގާ އެކަން ތަފާތު ކަމަށެވެ.
ޑިފެންޑް ކުރުމަކީވެސް އާޓެއް ކަމަށާއި އެކަން އޭނާގެ ޓީމަށް ދިގު މުއްދަތަކަށް ވަރަށް ރަނގަޅަށް ހާސިލް ކުރެވިފައިވާކަމަށެވެ. ނަމަވެސް މިފަހަރު މައްސަލަ ހުރިކަން ފާހަގަ ވެފައިވާކަމަށާއި އެހެންކަމުން މިހާރު އަލުން ޖެހިފައިމިވަނީ އެއަށް ހައްލު ހޯދުންކަމަށެވެ. ލިވަޕޫލް އެންމެފަހުން ކުޅުނު މެޗްގައި ބްރައިޓަން އާއި ކުޅެވަނީ 3 ލަނޑު 3ލަނޑުން އެއްވަރުވެފައެވެ. އަދި މިރޭ ލިވަޕޫލް ޗެމްޕިއަންސް ލިގުގައި ރޭންޖަރސްއާ ވާދަކުރާނެއެވެ.
ކްލޮޕް ހާމަކުރިގޮތުގައި ޓީމްގައ ިއެއް ކުޅުންތެރިންތަކެއް ތިބި ނަމަވެސް ބައެއް ފަހަރު ފޯމްގެ އެކަހަލަ މައްސަލަ ދިމަވާނެކަމަށާއި އެހެންކަމުން ދެން ޖެހޭނީ އެކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރުން ކަމަށެވެ. މިގޮތުން ގިނަ އަހަރު ތަކެއް ވަންދެން މޮޅު ކޫލުމެއް ދައްކަމުންދިޔަ ކްރިސްޓިއާނޯ ރޮނާލްޑޯގެ މިހާރުގެ ހާލަތު އޭނާ ފާހަގަކުރިއެވެ. މިގޮތުން ރޮނާލްޑޯ މިވަގުތު ހުރީ އޭނާގެ އެންމެ ރަނގަޅު ފޯމްގައި ނޫންކަމަށާއި ނަމަވެސް އެއީ އަނެއްކާވެސް ރަނގަޅު ވާނެކަންކަންކަމަށެެވެ. އަދި ލިއޮނެލް މެސީ މިދިޔަ ސީޒަންގައި ޕީއެސްޖީގައި ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް މިސީޒަންގައި އަނެއްކާ މޮޅުކުޅުމެއް ދައްކަމުންދާ ދިއުމަށްވެސް ކްލޮޕް އިޝާރާތްކުރިއެވެ.