ކުޅިވަރާ ބެހޭ ވުޒާރާއިން އެއްބާރުލުންދޭނީ އެ ވުޒާރާއަށް އެއްބާރުލުންދޭ އެސޯސިއޭޝަންތަކަށް ކަމަށް ވިދާޅުވެ، ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ނުސީދާކޮށް ފާޑުވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މަޚްލޫފް ވިދާޅުވީ، ފުޓުބޯޅައިގެ މައްސަލަތަކުަގައި ކަންބޮޑުވުން އެބަހުރި ކަމަށެވެ. އެކަމަކު ފުޓުބޯޅައިގެ ހާލަތާ ގުޅިގެން ކުލަބުތަކުން ކަންބޮޑުވުން ހުރިކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެފްއޭއެމްގެ ރައީސަކީ ކުލަބުތަކުން ހޮވާ ބޭފުޅެއް ކަމަށާއި، ފުޓުބޯޅައިގެ ކަންކަން ހައްލުކުރުމަށް ކުލަބްތަކުންވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ސަރަހައްދުގެ އެހެން ޓީމުތަކުން ފުޓުބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މި ޓީމުތަކުން ރާއްޖޭގެ ޒުވާން ޓީމުތައް ކޮޅަށް ގިނަ ލަނޑުތަކެއް ޖަހާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުން އެޅި ފެސިލިޓީތަކުގެ ފޮނި މީރުކަން ލިބޭތަން ފެންނާނީ މީގެ ހަތަރުވަރަކަށް އަހަރު ފަހުން ކަމަށެވެ،
މީގެ އިތުރުން ވަޒީރު ވިދާޅުވީ މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ ރާއްޖޭގެ ރަށްތަކުގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުން ކަމަށާއި، އެގޮތުން މިހާރުވެސް ރާއްޖޭގެ ގިނަ ރަށްތަކުގައި، ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ބޮޑު ފުޓުބޯޅަ ޓާފް ދަނޑެއް އެޅިފައިވަނީ މި ސަރުކާރުން ކަމަށާއި، މިހާރު ވެސް ގިނަ ރަށްތަކެއްގައި ޓާފް ދަނޑުތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި ކުޅިވަރު ދަނޑުތަކުން ފައިދާ ވަނީ ހަމައެކަނި ކުޅިވަރު ކުޅޭ ކުދިންނަށް ނޫން ކަމަށާއި، މި ދަނޑުތަކުގެ ސަބަބުން އިޖުތިމާއީ ގިނަ ފައިދާތަކެއްވެސް ރައްޔިތުންނަށް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މަޚްލޫފް ވިދާޅުވީ، ކުޅިވަރު ކުރިއެރުވުމަށް މިސަރުކާރުން ވޭތުވެދިޔަ އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައވާ ކަމަށާއި، އެކަމުގެ ފޮނި ނަތީޖާ ފެންނަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެތުލީޓުން ބައިނަލްއަގްވާމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީތަކުން އެކަން ފެނިގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.