ޚަބަރު

ޔަހޫދީ ސިފައިން ފަލަސްޠީނުގެ ދެ މީހުން ޝަހީދުކޮށްލައިފި


ޔަހޫދީން އަތްގަދަ ކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގެ ތެރެއިން ހުޅަނގު އައްސޭރިއަށް އަރައި ޔަހޫދީންގެ ސިފައިން ދިން ހަމަލާތަކެއްގައި ފަލަސްޠީނުގެ ދެ މީހަކު ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީންގެ އަސްކަރިއްޔާއިން އުދުވާންތައް ހިންގާފައި ވަނީ ރާމަالله ކައިރީގައި އޮންނަ ޖަޒަލޯން ރެފިޔުޖީ ކޭމްޕުގައެވެ.

ޔަހޫދީ ސިފައިންގެ ޝިކާރައަކަށްވެ ޝަހީދުވެފައި ވަނީ 19 އަހަރުގެ ބާސިލް ބަސްބުސްއާއި އުމުރުން 20 އަހަރުގެ ޚާލިދު އަންބަރު ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. މީގެ އިތުރުން، ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި ވަރަށް ބޮޑަށް ޒަޚަމުވި އުމުރުން 19 އަހަރުގެ ރަފާތު ހަބަޝަށް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން ދާ ކަމުގައި ޞިއްޙީ ވުޒާރާއިން ބުނެއެވެ.

ޝަހީދުކޮށްލާފައިވާ ދެ މީހުންގެ ޢާއިލާއިން ބުނީ، ޔަހޫދީންގެ ސިފައިން އެ މީހުންނަށް ހަމަލާ ދީފައި ވަނީ ކާރު ދުއްވައިލާން ނުކުމެ އުޅުނު ވަގުތެއްގައި ކަމުގައެވެ. އިސްރާޢީލުގެ ސިފައިން ބުނީ އެ މީހުން ދަތުރު ކުރަމުންދިޔަ ކާރަށް ހަމަލާ ދިނީ، ސިފައިންނާ ކުރިމަތިލާން މަސައްކަތް ކުރުމުން ކަމުގައެވެ. ނަމަވެސް، އެ މީހުންގެ ޢާއިލާއިން އެ ކަން ދޮގު ކުރެއެވެ. ބުނީ، އެ މީހުންގެ އަތުގައި އެއްވެސް ހަތިޔާރެއް ނެތް ކަމުގައެވެ.

މި ދެ މީހުން ޝަހީދު ކޮށްލުމާ ގުޅިގެން ރާމަاللهގައި މި ކަމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ބޮޑު މުޒާހަރާތަކެއް ވަނީ ފަށާފައެވެ. އަދި، ވިޔަފާރިތަކާއި ފިހާރަތައް ވެސް ވަނީ ބަންދު ކޮށްފައެވެ. ޔަހޫދީ ސިފައިން ދަނީ އޭޕްރިލް މަހު އެ މީހުންނާ ދެކޮޅަށް ދިން ހަމަލާތަކެއްގައި ތުހުމަތު ކުރެވޭ މީހުން ހޯދައި ހައްޔަރު ކުރުމަށް ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންނެވެ. މި އޮޕަރޭޝަންގެ ދަށުން އޮކްޓޫބަރު 3 ވަނަ ދުވަހު އެކަނިވެސް 16 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރާ އ.ދ.ގެ އޮފީހުން ބުނީ، ޖަނަވަރީ 1އިން ފެށިގެން ސެޕްޓެންބަރު 20އާ ދެމެދު ޔަހޫދީ އިސްރާޢީލުގެ ސިފައިން ދީފައިވާ ތަފާތު ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު މިހާރު 84އަށް އަރާ ކަމުގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 10އަށް އަރައެވެ.