ޑެންގީ ހުމުގެ ނުރައްކާ ބޮޑުވެ ރާއްޖޭގައި މިބަލީގައި ކުއްޖަކު ނިޔާވެއްޖެއެވެ.
އައިޖީއެމްއެޗުން ބުނީ މިއަދު ނިޔާވެފައިވަނީ އުމުރުން 8 އަހަރުގެ އަންހެން ކުއްޖެއްކަމަށެވެ. މިއީ މިއަހަރުތެރޭގައި ޑެންގީ ޖެހިގެން އައިޖީއެމްއެޗްގައި ނިޔާވި ދެވަނަ ކުއްޖާއެވެ.
ޑެންގީގެ ނުރައްކާ މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް އަންނަނީ ބޮޑުވަމުންނެވެ. މިވަގުތުވެސް އައިޖީއެމްއެޗްގައި ޑެންގީ ހުންޖެހިފައިވާ 4 ކުއްޖަކު އެބަތިއްބެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ، ޑރ.ފައިސަލް ވިދާޅުވީ އެޑްމިޓްކޮށްފައިވާ 4 ކުދިންގެ ތެރެއިން 3 ކުދިންނަކީ އަތޮޅުތެރޭގެ ރަށްރަށުން ގެނެސްފައިވާ ކުދިންކަމަށެވެ. އަދި މީގެތެރެއިން އެއް ކުއްޖަކީ މާލެއިން އެޑްމިޓްކޮށްފައިވާ ކުއްޖެއްކަމަށްވެސް ޑރ.ފައިސަލް ވިދާޅުވިއެވެ. ޑރ.ފައިސަލް ވިދާޅުވީ ޑެންގީ ޖެހިގެން އަންނަކަން ބޮޑަށް ފާހަގަކުރެވެނީ ނ.އަތޮޅާއި، މ.އަތޮޅުގެ އިތުރުން ރ.އަތޮޅުންކަމަށެވެ. އެހެންނަމަވެސް މާލޭގައިވެސް މިބަލި ފެތުރެމުންދާ ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.
މިދުވަސްވަރު ޑެންގީ ހުން އިތުރުވެފައިވާއިރު ބައްޔާމެދު ސަމާލުވުމަށް ޑރ.ފައިސަލްވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން މިބަލީގެ ނުރައްކާ އެންމެ ބޮޑުވަނީ ބަލިން ރަނގަޅުވާ ދުވަސްވަރު ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ. އެހެންކަމުން ހުން މަޑުވަމުން އަންނައިރު އެއްވެސް އިތުރު ޢަލާމާތެއް ހުރެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށްވަނީ އިރުޝާދުދެއްވާފައެވެ. އެގޮތުން ހުން މަޑުވަމުންދާއިރު ހޮޑުލެވި، ވަރުބަލިވެ، ހަމުގެ ކުލަ ބަދަލުވުމާއި، އަނގައާއި ނޭފަތުން ނުވަތަ ބޮޑުކަމުދިޔުމުގައާއި ކުޑަކަމުދިޔުމުގައިވެސް ލޭގެ އެއްވެސް އަސަރެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދައްކަންޖެހެއެވެ. މީގެއިތުރުން ތުއްތު ކުދިން ބަލި ފަސޭހަވެގެން އަންނަހެން ހީވާ ދުވަސްކޮޅު އާދަޔާ ޚިލާފަށް ރޯނަމަވެސް ޑޮކްޓަރަކަށް ދެއްކުމަށް ޑރ.ފައިސަލްވަނީ އެދިވަޑައިގަންނަވާފައެވެ. ޑރ.ފައިސަލް ވިދާޅުވީ ހުން ރަނގަޅުވެގެން އަންނައިރުވެސް އަތްފައި މާބޮޑަށް ފިނިވެ ބަނޑުގައި ގަދަޔަށް ރިއްސާ، 6 ގަޑިއިރު ވާއިރުވެސް ކުޑަކަމު ނުދެވޭނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންޖެހޭނެކަމަށެވެ.
#Dengue pic.twitter.com/YRWGAeGpXi
— Ahmed Faisal (@Faisalnaifaru) October 3, 2022
ޢާއްމުގޮތެއްގައިވެސް ކުޑަކުދިން ހުން އަންނަތާ 3 ދުވަސްވާއިރު ޑޮކްޓަރަށް ދައްކަންޖެހޭނެއެވެ. އަދި ހުމުގެ އިތުރުން އެހެން ޢަލާމާތެއް ފެނިއްޖެނަމަ 3 ދުވަސް ނުވިނަމަވެސް ކުޑަކުދިން ޑޮކްޓަރައް ދައްކަން ޑރ.ފައިސަލްވަނީ އިލްތިމާސްކުރައްވާފައެވެ.
ޑެންގީ ހުން ޖެހިފައިވާނަމަ ބަލިން އަވަހަށް ގަދަވުމަށްޓަކައި ގިނައިން އަރާމުކުރުމަކީ މުހިއްމުކަމެކެވެ. އަދި ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. މިގޮތުން ހަމައެކަނި ފެން ބުއިމުގެ ބަދަލުގައި ކުރުނބާ ފެނާއި ލޮނުޕެކެޓު ބޭނުންކުރުމަށްވަނީ އިރުޝާދުދެއްވާފައެވެ. އަދި ކެފެއިން ހިމެނޭ ބުއިންތަކާއި ކޮފީއާއި ދުރުހެލިވާންޖެހެއެވެ. މީގެއިތުރުން ހުންއައިސް ހޮޑުލެވޭނަމަ ކުލަގަދަ ދިޔާތަކެތި ބޭނުންނުކުރަންވެސް ޑރ.ވަނީ އިރުޝާދުދެއްވާފައެވެ. އެގޮތުން ކަރާފަންޏާއި މައިލޯ ފަދަ ބުއިންތަކުން ހޮޑުލެވޭނަމަ ދުރުހެލިވާންޖެހެއެވެ.
ޑެންގީ ހުން މިދުވަސްވަރު ފެތުރޭ ނިސްބަތް އިތުރުވެފައިވާއިރު ބަލިން ރައްކާތެރިވުމަށް މަދިރި އާލާވާ ތަންތަން ނައްތާލުމަށް އިސްކަންދޭންޖެހެއެވެ. އަދި މަދިރިން ރައްކާތެރިކުރުމަށް ނިވާވާފަދަ ހެދުންލުމަށާއި މަދިރި ލޯޝަން ފަދަ ތަކެތި ބޭނުންކުރުމަކީ މުހިއްމުކަމެކެވެ.