ކުޅިވަރު

އައިސީސީ ލެވެލް ދޭއް ފުރިހަމަކުރި ފުރަތަމަ ދިވެހި އަންހެން ކޯޗަކަށް ޒޫނާ


އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ ލެވެލް ދޭއްގެ ކޯޗިން ކޯސް ފުރިހަމަކުރި ދިވެހި އަންހެން ފުރަތަމަ ކޯޗުގެ ޝަރަފު ކުރިން ގައުމީ ޓީމަށްވެސް ކުޅުނު މަރިޔަމް ޒޫނާ ހޯދައިފިއެވެ.

ޒޫނާ މި ޝަރަފް ހޯދީ ޕާކިސްތާނުގެ ލާހޯރުގައި މިދިޔަ މަހުގެ 12 އިން 17 ގެ ނިޔަލަށް ބޭއްވި ކޯޗިން ލެވެލް ދޭއްގެ ކޯހުގައި ބައިވެރިވެގެންނެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ކޯޗިން ކޯހުގެ ލެވެލް އެކެއް ފުރިހަމަކޮށްފައެވެ. މިއީ ރާއްޖޭގެ ކްރިކެޓުގެ ތާރީހުގައި އަންހެން ކޯޗަކު ލެވެލް ދޭއް ފުރިހަމަކުރި ފުރަތަމަ ފަހަރެވެ.

ޕާކިސްތާންގެ ހައި ޕާފޯމަންސް ސެންޓަރުގައި ކުރިޔަށްދިޔަ މި ކޯހުގެ ކާމިޔާބީއާއެކު ޒޫނާ ކުރިޔަށްއޮތް ތަނުގައި މަސައްކަތްކުރާނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އަންހެން ކްރިކެޓް ޑިވެލޮޕްކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވެދިނުމެވެ. އަދި މުސްތަގްބަލުގައި ޒޫނާ ވެގެންދާނީ ރާއްޖޭގައި އަންހެން ކްރިކެޓް ކުރިއެރުވުމަށް އިސްކޮށް ހަރަކާތްތެރިވާނެ އެކަކަށް ކަމަށް އެސޯސިއޭޝަނުން ދެކެއެވެ.

މި ކޯސް ފުރިހަމަކުރި އިރު ޒޫނާ އަދިވެސް ދަނީ ކުޅެމުންނެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ބައިނަލްއަޤްވާމީ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ވާދަކުރި ރާއްޖޭގެ އަންހެން ކްރިކެޓު ޓީމުގައި ހިމެނިގެން ކުޅެފައެވެ. އެއީ ނޭޕާލުގައި 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައެވެ. އޭގެ ފަހުން ވެސް ޒޫނާ ދަނީ ކްރިކެޓުން ކުރިޔަށްދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޒޫނާ އެންމެ ފުރަތަމަ ކްރިކެޓުގެ ތެރެއަށް ތައާރަފްވީ 2016 ވަނަ އަހަރު އުފަން ރަށް ފުވައްމުލަކުންނެވެ. ކްރިކެޓް ބޯޑުން ފުވައްމުލަކުގައި ކުރިޔަށްގެންދާ ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތެރެއިން ފާހަގަވި ޒޫނާ ވަނީ ފުވައްމުލަކު އަންހެން ކްރިކެޓު ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ.