ކުޅިވަރު

ނިލަންދޫ އާއި ދާންދޫގައި ގާއިމުކުރި އައުޓްޑޯ ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިފި


ގއ. ނިލަންދޫ އާއި އެ އަތޮޅު ދާންދޫގައި ސަރުކާރުން ގާއިމުކުރި ފެންވަރު ރަނގަޅު އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ދެ ކޯޓު ހުޅުވާފައިވަނީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ގއ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި އެ ދެ ރަށުގެ އިތުރުން މާމެންދޫ އާއި ވިލިނގިއްޔަށްވެސް ވަޒީރު ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ނިލަންދުއަށް މަޒީރު ވަޑައިގެން އެ ރަށު ކޯޓު ހުޅުއްވައިދެއްވިއިރު، މި ކޯޓު ހުޅުވުމުގެ ގޮތުން ޚާއްސަ ވޮލީ މެޗެއްވެސް ވަނީ ކުޅެފައެވެ. އެ މެޗުގައި މަޙްލޫފުގެ އިތުރުން ދާންދޫ ދާއިރާގެ މަޖިލިސް މެންބަރު ޔައުގޫބް އަބްދު الله ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޭގެ ފަހުން އާދީއްތަ ދުވަހު ދާންދުއަށް ވަޒީރު ވަޑައިގެންނެވިއިރު، އެ ކޯޓު ހުޅުވުމުގެ ގޮތުންވެސް ވަނީ ޚާއްސަ ވޮލީ މެޗެއް ކުޅެފައެވެ. އަދި އެ މެޗުގައި ވަޒީރާއި މެންބަރު ޔައުގޫބް އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ފުއާދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ދެ ރަށުގެ ވޮލީ ކޯޓަކީ މިދިޔަ އަހަރުގެ މެއި މަހު ކުޅިވަރާ ބެހޭ ވަޒީރު އިއުލާނުކުރެއްވި 25 ކޯޓުގެ ތެރޭގައި ހިމެނޭ ކޯޓުތަކެވެ. މަޚްލޫފް ވިދާޅުވީ މިހާރު ޖުމްލަ 12 އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށާއި، އަދި މިހާރުވެސް 38 ރަށެއްގައި ވޮލީ ކޯޓު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މި ސަރުކާރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިހާރު އައުޓްޑޯ ވޮލީބޯޅަ ކޯޓު އަޅާފައިވާއިރު، ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމަށް ކުޅިވަރާ ބެހޭ ވަޒީރު އިސްނަންގަވައިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.