ޚަބަރު

ގޮނޑުދޮށް ހިމާޔަތް ކުރުމާއެކުވެސް ބުރުނީގެ ރާގޮނޑި މޫސުން!


ރާގޮނޑިއަކީ ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުގައްޔާއި މާކަނޑުތަކުގައި އައިން ހަދައިގެން ދަތުރުކޮށް އުޅޭ ކަނޑުމަހުގެ ބާވަތެކެވެ. އެހެންނަމަވެސް ހުޅަނގު މޫސުމުގެ ބައެއް ދުވަސްވަރު ރާއްޖޭގެ ރަށްރަށުގެ ފަޅަށް ރާގޮނޑި އައިން ވަދެއެވެ. މިހެން ދިމާވަނީ، މޫސުމީ އޮއިވަރާއެކު ކުދިމަސް ނުވަތަ އެން ކެއުމަށް ރާގޮނޑިއައިން ދަތުރުކުރުމުގެ ތެރޭގައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅަށް މިހެން ރާގޮނޑި އައިނެއް ވަދެއްޖެނަމަ، އެރަށެއްގެ ރައްޔިތުން ނުކުމެ ރާގޮނޑި ހިފައިއުޅެއެވެ. މިއީ ވަރަށްފޯރީގައި ރަށްރަށުގެ ކުރިބޮޑު އެންމެން ނުކުމެ ކޮށްއުޅޭ ކަމެކެވެ.

މިހެން ރާނގޮނޑިއައިން ފަޅަށް ވަންނަ ރަށްރަށުގެ ތެރެއިން ތ.އަތޮޅު ބުރުންޏަކީ ފަހަކަށް އައިސް ފާހަގަކޮށްލެވޭ ރަށެކެވެ. ކޮންމެ އަހަރެއްގެވެސް ހުޅަނގު މޫސުމުގެ ވަކި ދުވަސްވަރެއްގައި ތ.އަތޮޅު ބުރުނީ ފަޅަށް ރާގޮނޑިވަދެއެވެ. އެއާއެކު ރަށުގެ ކުދިބޮޑު، އަންހެންފިރިހެން ނުކުމެ ރާގޮނޑި ހިފުމުގައި ފޯރިނަގައެވެ. ދާ ޖަހައިގެންނާއި އެނޫންވެސް ގޮތްގޮތަށެވެ. މިއީ ޒަމާނުއްސުރެ އެރަށަށް އަންނަ މޫސުމީ ބޮޑު ޢީދެކެވެ.

މިފަހަރުގެ މިމޫސުމުގައި މިވަނީ ކުރިން އެރަށު މީހުން ރަގޮނޑި ހިފަމުން އައި ސަރަޙައްދު ބަދަލުވެފައެވެ. ކުރިންވެސް ރާގޮނޑި ހިފަމުން އައީ އެކަމަށް ޚާއްސަކޮށްފައިވާ ވަކި ސަރަޙައްދަކުންނެވެ. ނަމަވެސް އެރަށު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމާއެކު ސަރަޙައްދު ބަދަލުކޮށް މިހާރު ރާގޮނޑި ހިފާ ސަރަހައްދަކީ ރަށުގެ ހުޅަނގު ފަރާތުގައި އޮންނަ ޚާއްސަ ސަރަހައްދެކެވެ.

އެމްޓީސީސީން ކުރިއަށްގެންދާ، ބުރުނީ ގޮނޑުމަސައްކަތުގެ ތެރެއިން، އެކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރާ ކަމެއްގެގޮތުގައި ބުރުނީ ރާނގޮޑި ހިފާ ސަރަހައްދުގައި ބައްތިޖަހައި އެތަންވެސް ޙިމާޔަތްކުރަން ފަށާފައެވެ. އެމަސައްކަތުގެ %90 މަސައްކަތް ވަނީ މިހާރު ނިންމާލާފައެވެ.

އެމްޓީސީސީން މިމަސައްކަތް ކުރަންފެށީ މިއީ ރައްޔިތުންނަށް އާމްދަނީ ލިބެމުންދިޔަ ކަމަކަށްވާތީ، އެކަން ހުއްޓުނަ ނުދިނުމަށްޓަކައެވެ.

ބުރުނީ ހުޅަނގުފަރާތުގެ ރާގޮނޑި އަރާ ސަރަޙައްދުން އިއްޔެ ވަނީ 9700އަށްވުރެ ގިނަ ރާގޮނޑި ހިފާފައެވެ.

އާބާދީގައި 800އާ ގާތްކުރާ ޢަދަދަކަށް މީހުން ރަޖިސްޓްރީކޮށްފައިވާ ބުރުނީގައި މިވަގުތު ދިރިއުޅެނީ 418 މީހުންނެވެ. އެރަށު ފަޅުން ދާޖަހައިގެން ހިފާ ރާގޮނޑި ހަމަހަމަކަމާއެކު ބެހުމަކީ ރަށުކައުންސިލުން އަދާކުރާ ޒިންމާއެކެވެ.

މިކަމަށްޓަކައި ކޮންމެ ހުޅަނގު މޫސުމެއްގައިވެސް އެރަށުގެ ރައްޔިތުން މަހައް ނުގޮސް ރަށުގައި މަޑުކުރާކަމަށްވެއެވެ. އަދި ރާގޮޑި އައިން ފަޅަށް ވަދޭތޯބެލުމަށް ދޯނިތަކުގައި ރަށުގެ މަސްވެރިން ރަށުގެ ހުޅަނގުފަރާތު ފަޅުން ފެށިގެން މޭލެއްހައި ބޭރުގައި އޮންނަ ތުންޑުކައިރިއަށް ދޯނިތަކުގައި ދެއެވެ.