ކުޅިވަރު

އިންޓަ މިލާން އަތުން ރޯމާއަށް މުހިންމު މޮޅެއް


އިޓާލިއަން ލީގުގައި ފަހަތުން އަރައި ކާމިޔާބުކުރި ލަނޑުތަކާއެކު އިންޓަ މިލާން ބަލިކޮށް ރޯމާއިން ތާވަލުގެ އެއްވަނައިގަ އޮތް ނާޕޮލީއާ ހަތަރު ޕޮއިންޓަށް ގާތްކޮށްފިއެވެ.

އިންޓަރގެ ދަނޑުގައި ކުޅުނު މިމެޗް ރޯމާ ކާމިޔާބުކުރީ ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓަރއިންނެވެ. އަދި މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އިންޓަރއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ފެޑެރީކޯ ޑިމާކޯއެވެ. ނަމަވެސް އޭގެ ނުވަ މިނެޓްފަހުން ޕައުލޯ ޑިބާލާވަނީ ރޯމާއަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި މެޗުން ރޯމާ މޮޅުވި ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ލޮރެންޒޯ ޕެލެގްރީނީ ޖެހި ހިލޭޖެހުމެއްގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރ ކްރިސް ސްމޯލިންގއެވެ. މިއީ 2017 ވަނަ އަހަރަށް ފަހު ރޯމާއަށް އިންޓަރ ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. މިމެޗްގައި އިންޓަރއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބި ބޭކާރުވިކަން ފާހަގަކޮށްލެވެއެވެ. އަދި ރޯމާއިން ވަނީ މިކަމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ނަގާފައެވެ.

މި ކާމިޔާބީއާއެކު ރޯމާއަށް މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ އުޅޭ ނަޕޯލީ އާއި ހަތަރު ޕޮއިންޓަށް ގާތްކޮށްފައެވެ. މިވަގުތު ރޯމާ އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އަދި އިންޓަރ އުޅެނީ ކުޅުނު އަށް މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައިގައެވެ. އަދި މިފަހަރު ލީގުގައި އެޓީމް މިހާތަނަށް ވަނީ ހަތަރު މެޗުން ބަލިވެފައެވެ.