ޚަބަރު

ޖޮއިންޓް ވަރކް ޕްލޭނެއްގައި އދ. އާއިއެކު ސަރުކާރުން ސޮއިކޮށްފި

ރާއްޖޭގައި އިންތިޚާބާގުޅޭ ކަންކަން އިތުރަށް ހަރުދަނާ ކުރެއްވުމާ ގުޅޭ ޖޮއިންޓް ވަރކް ޕްލޭނެއްގައި އދ. އާ ސަރުކާރާ ދެމެދު ސޮއިކޮށްފިއެވެ.މި ވަރކް ޕްލޭނަކީ އދ. އާ ދިވެހިރާއްޖެއާ ދެމެދު އެއްބަސްވެގެން ކުރިއަށްގެންދާ ޔޫ.އެން ޑިވަލޮޕްމެންޓް އެސިސްޓަންސް ފްރޭމްވޯކްގެ ގަވަރނެންސް ސެކްޓަރ އިތުރަށް ހަރުދަނާ ކުރެއްވުމުގެ މަޤުޞަދުގައި ކުރިއަށްއޮތް ދެއަހަރު ހިންގެވުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކާ ގުޅޭގޮތުން އެކުލަވާލައްވާފައިވާ ވަރކް ޕްލޭނެކެވެ.މި ޖޮއިންޓް ވަރކް ޕްލޭންގެ ދަށުން ރާއްޖޭގައި އިންތިޚާބާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާ ކުރެއްވުމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމުގެ އިތުރުން، ޤާނޫނީ ދާއިރާ ހަރުދަނާކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބައެއް ބިލުތައް ކަމަށްވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ބިލާއި، ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުންގެ ބިލު އަދި ޖިނާއީ އިޖުރާއަތުގެ ބިލު ތައްޔާރުކުރުން ހިމެނެއެވެ. އަދި ޤައުމީ ޔުނިވާސިޓީއާ ގުޅިގެން ރިސާރޗް ފެސިލިޓީއެއް ޤާއިމުކުރުމާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ އެކްޝަން ޕްލޭން އެކުލަވާލުންވެސް މީގެ ތެރޭގައި ހިމެނެއެވެ.މި ޖޮއިންޓް ވޯރކް ޕްލޭން އެގްރީމެންޓްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ބަންޑާރަނައިބު އަލްއުސްތާޛް މުހައްމަދު އަނިލްއެވެ. އަދި އދގެ ފަރާތުން ސޮއިކުރެއްވީ އދ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ރެޒިޓެންޓް ކޯޑިނޭޓަރ މިސް ޝޯކޯ ނޯޑާއެވެ.