ޚަބަރު

ކަރިޝް ގޭސް ދަނޑުގެ މައްސަލަ ހައްލު ކުރުމުގައި ކުރިއެރުންތަކެއް


ޔަހޫދީ އިސްރާޢީލާއި ލުބުނާނާ ދެމެދު މިލްކުވެރިކަމާ މެދު ޚިޔާލުތަފާތުވުން އުފެދިފައިވާ ކަރިޝް ގޭސް ދަނޑުގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމުގައި ލުބުނާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީހު ބިރީ ވިދާޅުވެއްޖެއެވެ. ކަރިޝް ގޭސް ދަނޑުތައް އޮންނަނީ މެޑިޓެރޭނިޔަން ކަނޑުގެ ސަރަޙައްދުގައެވެ. އެއީ، ޤުދުރަތީ ގޭހުގެ ގޮތުން މުއްސަނދި ސަރަޙައްދެކެވެ.

ބިރީ ވިދާޅުވީ އިސްރާޢީލާއި ލުބުނާނާ ދެމެދު މިލްކުވެރިކަމާ މެދު ޚިޔާލު ތަފާތުވެފައިވާ ކަރިޝް ގޭސް ދަނޑު ހިމެނޭ ސަރަޙައްދުގެ ސަރަޙައްދީ އިން މުރާޖަޢާ ކުރުމާ ގުޅޭ ގޮތުން އެއްބަސްވުމެއްގެ ދެލިކޮޕީއެއް އެކުލަވައިލާފައިވާ ކަމުގައެވެ. މި ކަމުގައި އިސްރާޢީލާއި ލުބުނާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާ ކުރަނީ އެމެރިކާއިންނެވެ.

އެމެރިކާގެ ފަރާތުން މި މަސައްކަތުގައި އިސްކޮށް އުޅުއްވާ އާމޯސް ހޮޗްސްޓީން ވަނީ، ލުބުނާނުގެ ރައީސް މިޝެލް ޢާއޫނަށް އެއްބަސްވުމުގެ ދެލިކޮޕީއެއް ހުށަހަޅުއްވާފައެވެ. އަދި، ލުބުނާނުގައި ހުންނަވާ އެމެރިކާގެ ސަފީރު ޑޮރޮތީ ޝޭ ވަނީ ޢާއޫންގެ އިތުރުން ބިރީއާއި ލިބުނާނުގެ ބޮޑުވަޒީރު ނަޖީބް މިކާތީއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

ބިރީ ވިދާޅުވީ އެމެރިކާއިން ހުށަހަޅާފައިވާ އެއްބަސްވުމުގެ ދެލިކޮޕީއާ މެދު ހިތްހަމަޖެހޭ ކަމުގައެވެ. އަދި، އޭގައި ލުބުނާނުން ބޭނުންވާ ކަންކަން ހިމަނާފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް، ލުބުނާނުން ރަސްމީ ހައިސިއްޔަތެއްގައި އެ ދެލިކޮޕީއާ މެދު އެއްޗެއް ބުނާނީ، ފުރިހަމައަށް ދިރާސާ ކުރުމަށް ފަހުގައި ކަމުގައި އޭނާ ވިދާޅުވިއެވެ.

ލުބުނާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ހިޒްބުاللهއިން ވެސް ވަނީ އެއްބަސްވުމުގެ ދެލިކޮޕީ ހުށަހެޅުމުން އެ ކަމަށް މަރުޙަބާ ކިޔާފައެވެ. އެ ޖަމާޢަތުގެ އިސްލީޑަރު ސައްޔިދު ޙަސަން ނަޞްރުالله ވިދާޅުވީ މިއީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ދެކޭ ކަމުގައެވެ.

އިސްރާޢީލުން ދާދި ފަހުން ވަނީ ކަރިޝް ގޭސް ދަނޑުން ގޭސް ގެނުމުގެ މަސައްކަތް ފަށާފައެވެ. އަދި، އެ ކަމާ ގުޅިގެން ލުބުނާނާއި އިސްރާޢީލާ ދެމެދު އޮތް ނުތަނަވަސް ކަން އިތުރުވެ، ހިޒްބުاللهއިން ވަނީ ލުބުނާނުގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބާރުގެ ބޭނުން ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.