ޚަބަރު

455 ބައިވެރިންނާއެކު ރާއްޖެ ފްރީޑައިވްގެ ވޯލްޑް ރިކޯޑަކަށް


ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދުމަށްޓަކައި ރާއްޖޭގައި ކުރިއަށްގެންދިޔަ ފްރީޑައިވް ޙަރަކާތް ވަރަށް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

"ނޭވާ 2"ގެ ނަމުގައި ކްރޮސް ރޯޑްސްގައި ކުރިއަށްގެންދިޔަ ޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވަނީ ބައިވެރިވެވަޑައިގެންފައެވެ.

"ފްރީޑައިވް މޯލްޑިވްސް"އިން އިންތިޒާމުކުރި "ނޭވާ 2" ޙަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރާއި ދިމާކޮށް ރާއްޖޭގެ ނަން "ގިނީސް ވޯލްޑް ރެކޯޑް" ފޮތަށް އެރުވުމަށް ހިންގި ބޮޑު ހަރަކާތެކެވެ. މިޙަރަކާތް ރާއްޖޭގެ 12 ރިސޯޓެއްގައި އެއްވަގުތެއްގައިވަނީ ކުރިއަށްގެންގޮސްފައެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިފަރާތްތައް ހިމެނޭހެން 459 މީހަކު ބައިވެރިވެފައިވާއިރު ރިކޯޑުގައި ހަމަޖެހިފައިވާ ގައިޑްލައިންގައިވާ ގޮތަށް އެއް މިނިޓު ތިރީސް ސިކުންތު ކަނޑު އަޑީގައި ހިފަހައްޓާލެވުނީ 455 މީހަކަށެވެ. މިއާއެކު "ގިނީސް ވޯލްޑް ރެކޯޑް"އިން ކަނޑައަޅާފައިވާ މިންގަނޑުން ރާއްޖެ މިވަނީ އެންމެ ގިނަ މީހުން އެއްފަހަރާ، އެއް ވަގުތެއްގައި ކަނޑުއަޑީގައި ވަކިވަގުތެއް ހަމަވަންދެން ނޭވާ ހިފަހައްޓާލައިގެން ޤާއިމްކުރުމުގެ ރެކޯޑް ޤާއިމްކޮށްފައެވެ.

މިޙަރަކާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންއަހަރާއި ދިމާކޮށް ކުރިއަށްގެންދިޔަ މިޙަރަކާތަކީ ރާއްޖެ ފަތުރުވެރިންގެ މެދުގައި އިތުރަށް މަޤުބޫލުވެގެންދާނެ ކަމެއްކަމަށެވެ. އަދި މިޙަރަކާތުގައި ސީދާ ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިތުމުން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް އަމިއްލަ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާ މިންވަރު ހާމަވާކަމަށެވެ. އަދި މިކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން އެމަނިކުފާނު އެދެއްވީ ވަރުގަދަ މެސެޖެއްކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

"ރާއްޖެއަކީ މިހާރުވެސް ސްކޫބަރ ޑައިވިންގއަށް މުޅި ދުނިޔޭގައިވެސް މަޝްހޫރު ތަނެއް. އެހެންނަމަވެސް އިތުރު މާކެޓްތަކަށް ރާއްޖެ ހުޅުވާލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ދުނިޔޭގައި މަޤުބޫލުވަމުން އަންނަ ފްރީ ޑައިވިންގއަށް ރާއްޖެ ހުޅުވާލާ މިއީވެސް ރާއްޖޭގައި ކުރެވޭނެ ކަމެއްކަން އަންގައިދޭން އެބަ ބޭނުންވޭ. މިރިކޯޑާއެކު މިއީވެސް ރާއްޖެ އެހެންގޮތަކަށް ދުނިޔެއަށް އެނގިގެންދާނެކަމެއް." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިޙަރަކަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފްރީޑައިވްގެ ފަރާތުން މުޙައްމަދު ފާރިޙް ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ރިކޯޑެއްކަމަށެވެ. އަދި ގިނީސް ވޯލްޑް ރިކޯޑަށް މި ޙަރަކާތް އެރުވުމަށްޓަކައި ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއި ހެކި ހުށައަޅާނެކަމަށް ފާރިޙް ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަސްމީކޮށް މިއީ ރިކޯޑެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ފާރިޙް ވިދާޅުވިއެވެ.

2019 ވަނަ އަހަރު ކުރިއަށްގެންދިޔަ މީގެ ފުރަތަމަ ޙަރަކާތުގައި ރާއްޖެއިންވަނީ ފްރީ ޑައިވް ކުރުމުގެ ވޯލްޑް ރެކޯޑެއް ޤާއިމްކޮށްފައެވެ. އެފަހަރުގެ ހަރަކާތުގައި 521 މީހުން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން އެކި ޖަމިއްޔާ ޖަމާޢަތްތައްކުން އަންނަނީ މުޅި އަހަރުތެރެއަށް ބަހާލައިގެން އެކި ޙަރަކާތްތައް އިންތިޒާމުކޮށް ހިންގަމުންނެވެ. މީގެއިތުރުން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް އެއް ހަފްތާއަށް ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީންވަނީ ނިންމާފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހަކީ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ގޮތުގައި ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ. އަދި ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ "ޤައުމީ ފަތުރުވެރިކަމުގެ ދުވަސް"، ފާހަގަކުރުމަށް ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ.