ޚަބަރު

ކާބުލްގެ ޔުނިވަރސިޓީއެއްގައި ބޮމެއް ގޮއްވާލައި 19 މީހުން މަރާލައިފި


އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ޔުނިވަރސިޓީއެއް ކައިރީގައި ބޮމެއް ގޮއްވައިލާ 19 މީހުން މަރާލައިފިއެވެ. މި ހަމަލާ ދީފައި ވަނީ އެ ޔުނިވަރސިޓީގެ ދަރިވަރުން އިމްތިހާނަކަށް ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައެވެ. ބޮން ގޮއްވައިލާފައި ވަނީ ހާޖް ހަޔަރ އެޑިޔުކޭޝަން ސެންޓަރުގައެވެ.

މަރުވި މީހުންގެ ތެރޭގައި ގިނައީ ޔުނިވަރސިޓީގައި ތަޢުލީމު ހާސިލު ކުރަމުން ދިޔަ އަންހެން ދަރިވަރުންތަކެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ. ހަމަލާ ދީފައި ވަނީ ޝީއީން ގިނަ އަދަދަކަށް ދިރިއުޅޭ ދަޝްތު ބަރްޝީ ސަރަޙައްދުގައެވެ.

ހަމަލާ ދިން މީހާ ޔުނިވަރސިޓީއަށް ވަދެފައި ވަނީ އެ ތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ ދެ ގާޑުންގެ ހަށިގަނޑަށް ބަޑިޖަހައި މަރައިލުމަށް ފަހުއެވެ. ބޮން ގޮއްވައިލި ވަގުތު ޔުނިވަރސިޓީގައި 600އަށްވުރެ ގިނަ ދަރިވަރުން ތިއްބެވެ. ހަތިޔާރު އެޅި އެއްވެސް ޖަމާޢަތަކުން މި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.

މި ހަމަލާގައި 27 ދަރިވަރުން ޒަޚަމުވި ކަމުގައި ކާބުލްގެ ފުލުހުންގެ ތަރުޖަމާނު ޚާލިދު ޒަދްރާން ވިދާޅުވިއެވެ. އަނިޔާވި ގިނަ އަދަދެއްގެ ދަރިވަރުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިޓަލީ ވިލާތުގެ މަދަނީ ޖަމުޢިއްޔާއަކުން ބުނީ 22 ދަރިވަރަކަށް ފަރުވާ ދެމުންދާ ކަމަށާއި، އޭގެ ތެރޭގައި 20 އަންހެން ދަރިވަރުން ހިމެނޭ ކަމުގައެވެ.

ބޮން ގޮއްވައިލާފައި ވަނީ ޔުނިވަރސިޓީއަށް އަލަށް ދަރިވަރުން ވެއްދުމަށް އެޑްމިޝަން ޓެސްޓު ހެދުމަށް ތައްޔާރުވަމުން ދިޔަ ވަގުތުގައި ކަމުގައި ފުލުހުން ބުންޏެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން 18އާއި 25އާ ދެމެދުގެ މީހުންނެވެ.