ޚަބަރު

ޔަހޫދީންގެ ޙަމަލާއެއްގައި ފަލަސްޠީނުގެ 7 އަހަރުގެ ކުއްޖަކު ޝަހީދުވެއްޖެ


ޔަހޫދީ އިސްރާޢީލުގެ ސިފައިން ހިންގި ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއްގައި ފަލަސްޠީނުގެ 7 އަހަރުގެ ކުޑަކުއްޖަކު ޝަހީދުވެއްޖެއެވެ. ޝަހީދުވި ރަޔަން ޔާސިރު ސުލައިމާންގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. ބައިތްލަޙަމްގައި ޔަހޫދީ ސިފައިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ރަޔަން ޝަހީދުވި ހާދިސާ ތަހުޤީޤު ކުރުމަށް އެމެރިކާއިން ވެސް ވަނީ ގޮވައިލާފައެވެ.

ރަޔަން ޝަހީދުވީ، އޭނާ ސްކޫލު ނިންމާފައި ގެއަށް އައި ވަގުތު، އޭނާގެ ގޭތެރޭގައި ގިނަ އަދަދެއްގެ ޔަހޫދީ ސިފައިން ތިބުމުން ބިރުން ފިލަން ދުއްވައިގަތުމާ އެކު ވެއްޓި ލިބުނު ޒަޚަމްތަކެއްގައި ކަމުގައި ރަޔަންގެ ޢާއިލާއިން ބުންޏެވެ. އޭނާ ޝަހީދުވީ ބެއިތް ޖަލާގެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ބުނީ، ރަޔަން ވެއްޓުނީ އޭނާ ފަހައި ޔަހޫދީ ސިފައިންގެ ބަޔަކު ދުއްވައިގަތުމުން، އޭނާ ބިރުން ފިލަން އުޅުމުގެ ތެރޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ހުންނަ ޢިމާރާތުން ވެއްޓުމުގެ ސަބަބުންނެވެ. ޔަހޫދީ ސިފައިން ވަނީ އެ ކަން ދޮގުކޮށް، އެ މީހުން ހިންގި ބަލައިފާސްކުރުމުގެ އޮޕަރޭޝަނާއި ރަޔަންގެ މަރާ އެއްވެސް ގުޅުމެއް ނެތް ކަމުގައި ބުނެފައެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ، ރަޔަންގެ މަރުގެ ފުރިހަމަ ތަހުޤީޤެއް ހިންގަން ޖެހޭނެ ކަމުގައެވެ. ބައިތްލަޙަމްގައި ޔަހޫދީ ސިފައިން ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގާފައި ވަނީ، ހުޅަނގު އައްސޭރީގެ ޖެނިންގައި ހިންގި އޮޕަރޭޝަނެއްގައި ފަލަސްޠީނުގެ ހަތަރު މީހުން ޝަހީދު ކޮށްލުމަށް ފަހުއެވެ. މާރިޗު މަހުން ފެށިގެން ޔަހޫދީ ސިފައިން ދަނީ އެ މީހުން އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރީގައި ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގައި، ފަލަސްޠީނުގެ މުސްލިމުން ޝަހީދު ކުރަމުންނެވެ.