ޚަބަރު

ރަޝިޔާއިން ދީފާނެ ޙަމަލާއަކަށް އެމެރިކާ އޮތީ ތައްޔާރަށް


ޔޫކްރެއިނުގައި ރަޝިޔާއިން ފަށާފައިވާ ހަނގުރާމަ އިތުރަށް ވަރުގަދަ ކުރަމުންދާ މި ދަނޑިވަޅުގައި، ރަޝިޔާއިން ދީފާނެ ހަމަލާއަކަށް އެމެރިކާއިން ތައްޔާރަށް އޮތް ކަމުގައި އެ ޤައުމުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ރަޝިޔާއިން ހަނގުރާމައިގެ ހާލަތަށް ގެންނަ ކޮންމެ ބަދަލަކަށް ވިލާތުގެ ޤައުމުތަކުގައި ޤާއިމު ކޮށްފައި ތިބި އެމެރިކާއިން ސިފައިން ތިބީ ތައްޔާރީ ހާލަތެއްގައި ކަމުގައެވެ.

ރަޝިޔާއިން ޔޫކްރެއިނުގައި ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ 24ގައެވެ. އެ ކަމާ ގުޅިގެން އެމެރިކާއިން ވަނީ ނޭޓޯގެ ޤައުމުތަކުގެ ދިފާޢީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް އިތުރު ސިފައިންނާއި ހަތިޔާރު ވިލާތަށް ފޮނުވާފައެވެ. ޔޫކްރެއިނުގެ ރައްޔިތުންނާ ދެކޮޅަށް ރަޝިޔާއިން ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރަން ޖެހިދާނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ ނުސީދާކޮށް ބުނެފައެވެ.

"ރަޝިޔާއިން ނިއުކްލިޔަރ ހަތިޔާރެއް ބޭނުންކޮށްފާނެ ކަމުގެ ނުރައްކާ އެބައޮތް. އެ ފަދަ ގޮތަކަށް އަމަލުކޮށްފި ނަމަ ރަޝިޔާއަށް އެކަމުގެ އަގު ހިތިވާނެ. އެ ފަދަ ހާލަތަކަށް އެމެރިކާއިން އޮތީ ތައްޔާރަށް. އެ ކަން ރަޝިޔާއަށް ވާނީ ސާފުކޮށްދީފައި،" ސަލިވަން ވިދާޅުވިއެވެ.

ރަޝިޔާއިން ވިލާތުގެ ޤައުމުތަކަށް ޤުދުރަތީ ގޭސް ފޯރުކޮށްދޭން ބޭނުން ކުރާ ކަނޑުއަޑީގެ ނޯޑް ސްޓްރީމް ވަން ހޮޅިތަކަށް ދާދި ފަހުން ބަޔަކު ވަނީ ހަމަލާއެއްދީ، ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި، އެ ހޮޅިތަކުން ދަނީ ގޭސް ލީކުވަމުންނެވެ. މިއީ، ރަޝިޔާއިން އަޑީގައި އޮވެގެން ދީފައިވާ ހަމަލާއެއް ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

"އެ ފަދަ ހަމަލާއެއް ދިނުމުގެ ޤާބިލުކަން ގިނަ ޤައުމުތަކެއްގައި ނޯންނާނެ. އެއީ ކަނޑުގެ 230އާއި 270 ފޫޓު އަޑީގައި ހިންގާފައިވާ އަމަލެއް. އެއީ ވަރަށް ޤާބިލު ބަޔަކު ކޮށްފައިވާ ކަމެއް،" ނޯޑް ސްޓްރީމް ވަން ހޮޅިތަކަށް ދީފައިވާ ހަމަލާއާ ގުޅޭ ގޮތުން ސަލިވަން ވިދާޅުވިއެވެ. ނަމަވެސް، އެއީ ރަޝިޔާއިން އަޑީގައި އޮވެ ހިންގާފައިވާ އަމަލެއް ކަމުގައި އޭނާ ވިދާޅުވެފައެއް ނުވެއެވެ.

ޔޫކްރެއިނުގެ ހަތަރު ސަރަޙައްދެއް ކަމުގައިވާ ޑޮކެޓްސްކްއާއި ލުހާންސްކް އަދި ޚާރްސަންއާއި ޒަޕޮރީޜިޔާއަކީ ރަޝިޔާގެ ބައެއް ކަމުގައި ކަނޑައަޅައި، ސެޕްޓެންބަރު 30 ވަނަ ދުވަހު ޕުޓިން ވަނީ އެ ކަން ރަސްމީކޮށް އިޢުލާނު ކުރައްވާފައެވެ. އެ ސަރަޙައްދުތަކަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ފެންނަ ނުފެންނަ ވޯޓުތަކެއް ނެގުމަށް ފަހުއެވެ.

އެއީ، ގާތްގަނޑަކަށް ޔޫކްރެއިނުގެ ބިމުގެ 15 އިންސައްތައެވެ. މި ކަން ބަލައިނުގަންނާނެ ކަމަށް އެމެރިކާއާއި ހުޅަނގުގެ އިތުރުން އ.ދ.އިން ވެސް ވަނީ ބުނެފައެވެ. އަދި، އެމެރިކާއާއި އިނގިރޭސި ވިލާތުގެ އިތުރުން ކެނެޑާއިން ވަނީ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ.