ޚަބަރު

ފަތުރުވެރިކަމުގެ ރަންޔޫބިލް ފާހަގަކުރުމަށް ރާއްޖެއިން މިއަދު ދުނިޔޭގެ ރެކޯޑް ޤާއިމްކުރަނީ


ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުން ޖާގައެއް ހޯދުމަށް ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް ޙަރަކާތްކަމަށްވާ "ނޭވާ 2" މިއަދު ހަވީރު އޮންނާނެއެވެ.

އެންމެ ގިނަ މީހުން އެއްފަހަރާ، އެއް ވަގުތެއްގައި ކަނޑުއަޑީގައި ވަކިވަގުތެއް ހަމަވަންދެން ނޭވާ ހިފަހައްޓާލައިގެން ޤާއިމްކުރާ މި ރެކޯޑް ޤާއިމްކުރުމުގެ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:30 ގައެވެ.

ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުން ޖާގައެއް ހޯދުމަށް ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

"ފްރީޑައިވް މޯލްޑިވްސް"އިން އިންތިޒާމުކުރާ "ނޭވާ 2" ޙަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރާއި ދިމާކޮށް ރާއްޖޭގެ ނަން "ގިނީސް ވޯލްޑް ރެކޯޑް" ފޮތަށް އެރުވުމަށް ހިންގާ ބޮޑު ހަރަކާތެކެވެ. މިޙަރަކާތުގައި ބައެއް ރިސޯޓުތަކާއި ދާއިރާގައި މަސައްކަރްކުރާ ގިނަ ބަޔަކު ބައިވެރިވުމަށް ނިންމާފައިވާކަމަށް ޙަރަކާތް އިންތިޒާމުކުރާ ފަރާތުން ހާމަކުރެއެވެ.

މިއަހަރުގެ ޙަރަކާތުގައި ގާތްގަނޑަކަށް 400 އާއި ގާތްކުރާ ޢަދަދަކަށް މީހުން ބައިވެރިވާނެކަމަށް ޙަރަކާތް އިންތިޒާމުކުރާ "ފްރީޑައިވް މޯލްޑިވްސް" ލަފާކުރެއެވެ. މިޙަރަކާތް ރާއްޖޭގެ 12 ރިސޯޓެއްގައި ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށްރަށުން ބައިވެރިވާ ފްރީ ޑައިވަރުންވެސް މިރިސޯޓުތަކުގެ އިވެންޓުގައި ބައިވުމަށް ވަނީ ހަމަޖެހިފައެވެ.

2019 ވަނަ އަހަރު ކުރިއަށްގެންދިޔަ މީގެ ފުރަތަމަ ޙަރަކާތުގައި ރާއްޖެއިންވަނީ ފްރީ ޑައިވް ކުރުމުގެ ވޯލްޑް ރެކޯޑެއް ޤާއިމްކޮށްފައެވެ. އެފަހަރުގެ ހަރަކާތުގައި 521 މީހުން ވަނީ ބައިވެރިވެފައެވެ. މިދިޔަ ފަހަރުގެ ރެކޯޑްގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއިރު، މިފަހަރުގެ ރެކޯޑް ޤާއިމްކުރުމުގައި އަމާޒުކުރާނީ ކަނޑުއަޑީގައި ވީހާވެސް ގިނަ ވަގުތު ހޭދަކުރުމަށްކަމަށް މި ހަރަކާތް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

ރާއްޖޭގެ ޓޫރިޒަމުގެ ރަން ޔޫބީލާ ގުޅުވައިގެން މިއަހަރު މިޙަރަކާތް ހިންގުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖެއަކީ ފްރީޑައިވް ކުރުމަށް މަޤްބޫލް މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުންކަމަށް ފްރީޑައިވް މޯލްޑިވްސްއިން ވިދާޅުވެއެވެ. އަދި މިހަރަކާތުގެ ތެރެއިން ދުނިޔޭގެ ސަމާލުކަމަށް ރާއްޖެއަށް ހޯދުމަކީވެސް މަޤްސަދެއްކަމަށް "ނޭވާ 2" ހަރަކާތް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.