ކުޅިވަރު

ޓީ20 ޕްރިމިއާ ލީގު: ވެސްޓް ބަލިކޮށް މިލާން އެއްވަނައަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މައިލޯ ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގެ އެއްވަނައަށް މިލާން ކްރިކެޓް އެކެޑަމީ ޖެހިލައިފިއެވެ.

ލީގުގެ އެއްވަނައަށް މިލާން ޖެހިލީ ހުކުރު ދުވަހުގެ ހެނދުނު ކުޅިވަރު އެކުވެނީ އެއް ނަންބަރު ދަނޑުގައި ކުޅުނު މެޗުން ވެސްޓް ސްޕޯޓްސް ކުލަބު އަތުން 54 ލަނޑުން މޮޅުވެގެންނެވެ.

މި މޮޅާއެކު ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މިލާން މޮޅުވެފައިވާއިރު، މި ރިކޯޑު އޮތް ހަމައެކަނި ޓީމަކީވެސް މިލާނެވެ. 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް މިލާން ޖެހިލިއިރު، ދެވަނައަށް ވެއްޓުނު މާލޭ ވެޓެރަންސްއަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. އަދި މިލާން އަތުން ބަލިވި ވެސްޓް ސްޕޯޓްސް އޮތީ ތާވަލުގެ ފުލުގައި ޕޮއިންޓެއް ނުލިބިއެވެ.

ހުކުރު ދުވަހުގެ ހެނދުނު ކުޅުނު މެޗު ވިއްސާރަވުމުގެ ސަބަބުން އަމްޕަޔަރުން ނިންމީ ކޮންމެ ޓީމެއްވެސް ހަ އޯވަރުކުޅުމަށެވެ. އެއާއެކު މެޗުގެ ގުރު ދިމާވެގެން މިލާން އެންމެ ފުރަތަމަ ކުޅެން އަރައި ހަ އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 89 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 20 ބޯޅައިން 45 ލަނޑު ހެދި ޔޫސުފް އަޒްޔާން ފަރުހަތެވެ.

ޖަވާބުގައި ވެސްޓް ސްޕޯޓްސް ކުޅެން އަރައި ހަ އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 35 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 12 ބޯޅައިން 11 ލަނޑު ހެދި ކަސުންއެވެ.

މީގެ އިތުރުން މި މުބާރާތުގައި ހުކުރު ދުވަހުގެ މެންދުރުފަހު ކުޅުނު މެޗުގައި އައިޒީއާ ބައްދަލުކޮށް ހަތް ވިކެޓުން މެޗު ކާމިޔާބުކުރީ ސީބީއެލް ސްޕޯޓްސްއެވެ.

މި މެޗުވެސް ވިއްސާރަވުމުގެ ސަބަބުން އަމްޕަޔަރުން ނިންމީ ކޮންމެ ޓީމެއް 18 އޯވަރު ކުޅުމަށެވެ. މެޗުގެ ގުރު ދިމާވުމުން އައިޒީ އެންމެ ފުރަތަމަ ކުޅެން އަރައި 18 އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދިފައަވަނީ 141 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 55 ބޯޅައިން 58 ލަނޑު ހެދި މުޙައްމަދު އަފުލާހެވެ.

ޖަވާބުގައި ސީބީއެލް ކުޅެން އަރައި 14ވަނަ އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 142 ލަނޑު ހަދައި މެޗު ކާމިޔާބުކުރިއެވެ. އެ ޓީމުގެ ހަސަން ހާޒިގް ރަޝީދު ނުބައިނުވެ 37 ބޯޅައިން 57 ލަނޑު ހެދިއިރި، އިސްމާޢީލް އަލީ ވަނީ 16 ބޯޅައިން 32 ލަނޑު
އެއްކޮށްފައެވެ.

މި މޮޅާއެކު ސީބީއެލް އޮތީ ތާވަލުގެ ހަތަރުވަނައިގައި ނުވަ ޕޮއިންޓާއެކުއެވެ. އަދި އައިޒީ އޮތީ ތާވަލުގެ ހަވަނައިގައި ހަތް ޕޮއިންޓާއެކުއެވެ.

މި މުބާރާތުގައި ހޮނިހިރު ދުވަހުވެސް ދެ މެޗު ކުޅޭއިރު، މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ލީގު ބުރަށްފަހު އެއްވަނައިގައި އޮންނަ ޓީމަކަށެވެ. އަދި މި މުބާރާތުން އެންމެ ގަދަ ހަތަރު ޓީމު ޓީ20 ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވާނެއެވެ.