ޚަބަރު

ޕާކިސްތާނަށް އެހީވުމަށް ރާއްޖޭގެ މީޑިއާތަކުން ބާއްވާ ޓެލެތޯން މާދަމާ


ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ރާއްޖޭގެ މީޑިއާތަކުން ބާއްވާ ޓެލެތޯނެއް މާދަމާ ކުރިއަށްދާނެއެވެ.

މިއީ ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނާއި، ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނުން އިސްނަގައިގެން، ދަޢުލަތުގެ މީޑިއާ ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ހަރަކާތެކެވެ.

މި ޓެލެތޯން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށެވެ.

މި ހަރަކާތަކީ ޕާކިސްތާނަށް ދާދިފަހުން ކުރި ވިއްސާރައިގައި ކުރިމަތިވި ފެންބޮޑުވުމުގެ ކާރީސާއާ ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ފައިސާ ހޯދުމަށް ބާއްވާ ހަރަކާތެކެވެ.

ޕާކިސްތާނުގައި ފެންބޮޑުވުމާ ގުޅިގެން 33 މިލިޔަން މީހުންގެ ދިރިއުޅުން ވިއްސިވިހާލިވެފައި ވާއިރު، ފެންބޮޑުވުމާ ގުޅިގެން އެ ޤައުމުގައި މަރުވި މީހުންގެ އަދަދު ވަނީ 1,300 އަށްވުރެ މައްޗަށް އަރާފައެވެ. އެ ޤައުމަށް ކުރިމަތިވެފައިވާ އިންސާނީ މުސީބާތް ކުރިއަށް ދުވަސްތަކުގައި އިތުރަށް ގޯސްވާނެ ކަމުގައި އ.ދ.އިން ބުނެއެވެ.