ކުޅިވަރު

ޤައުމީ އާރެކޯޑަކާއެކު ސާއިދު ރިހި މެޑަލް ހޯދައިފި


100 މީޓަރުގައި ދުވެ ޤައުމީ އާރެކޯޑަކާއެކު، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، ރިހި މެޑަލް ހޯދައިފިއެވެ. ސައުތް އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގައި ވާދަކޮށް، ސާއިދު ރިހި މެޑަލް ހޯދީ ލަންކާގެ އެތްލީޓް އީޝަން ހިމާޝާގެ ފަހަތުން ދެވަނަ ހޯދައިގެންނެވެ.ސާއިދު ރޭސް ނިންމީ 10.41 ސިކުންތުންނެވެ. އޭނާގެ ކުރީގެ ރެކޯޑަކީ 10.45 އެވެ. މިއަދު ގޭމްސްގައި ދުވިއިރުވެސް 100 މީޓަރުގެ ޤައުމީ ރެކޯޑް އޮތީ ސާއިދު އަތުގައެވެ. ގޭމްސްގެ 100 މީޓަރު ދުވުމުން އަންހެން ބައިންވެސް ރަން މެޑަލް ހޯދީ ލަންކާގެ އެތްލީޓެކެވެ. ރީޔޫނިއަންގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލް ހޯދި ހަސަން ސާއިދު މިފަހަރުގެ ސައުތް އޭޝިއަން ގޭމްސްއަށްވެސް ދިޔައީ ބޭރުގައި ތަމްރީން ހޯދައި ރަންމެޑެއްޔަށް އުއްމީދުކޮށްގެންނެވެ. ހީޓްގައިވެސް ސާއިދު ރޭސް ނިންމީ ދެވަނައަށެވެ. ހީޓްގައި ވާދަކޮށް ރާއްޖޭގެ ހަސަން ހަލީމް ރޭސް ނިންމީ 7 ވަނައަށެވެ. ހީޓްގައި ވާދަކުރީ 8 އެތްލީޓުންނެވެ. އެހެންކަމުން ހަސަން ހަލީމްއަށް ފައިނަލް ބުރުން ޖާގައެއް ނުލިބެއެވެ.އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ލޯ މެޑަލް ހޯދި ސަމްހާ އަހުމަދު މިއަދު 800 މީޓަރުގައި ދުވެ ރޭސް ނިންމީ 8 ވަނައަށެވެ.މީގެއިތުރުން
ރާއްޖޭގެ ޒުވާން ދުވުންތެރިޔާ މުޙައްމަދު ނާއިލް ވަނީ 400 މީޓަރު
ހީޓްގައި ވާދަކޮށް، ފައިނަލް ބުރުން ޖާގަ ހޯދާފައެވެ. މިއީ 16 އަހަރުގެ އެތްލީޓްގެ
ފުރަތަމަ ތަޖުރިބާއެވެ.