ޚަބަރު

މޫސުންގޯސްވެ، ހއ.އިން އދ.އަށް ރީނދޫ ސަމާލު!


ރާއްޖޭގެ އުތުރުގެ ބޮޑުބަޔަކަށް ވިއްސާރަވެ، ހއ.އަތޮޅުން ފެށިގެން އދ.އަތޮޅާހަމަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ މިއަދު މެންދުރުފަހު 14:15އިން ފެށިން އިރުއޮއްސި 18:00އާ ހަމައަށް އުތުރުގެ ސަރަޙައްދުތަކަށް ހއ.އިން އދ.އަށް ރީނދޫ ސަމާލު ނެރެފައެވެ. އެއޮފީހުން ލަފާކުރާގޮތުގައި މިވަގުތުތަކުގައި މިސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ވަރަށްބޮޑަށް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މިއަދު މެންދުރު 12:00އިން ފެށިން މިސަރަޙައްދަށް އޮތީ ހުދު ސަމާލު ނެރެފައެވެ. މިހާރު ވިއްސާރަ އިތުރަށް ގޯސްވެ، މިވަނީ ރީނދުލަށް ބަދަލުކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރުވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަރަށްބޮޑަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކުރެއެވެ. ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ކަނޑުދަތުރުފަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރުފަތުރުކުރުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.