ޚަބަރު

ޑިއުޓީގައި ހުރި ޖަލު އޮފިސަރަކު ކުއްލިގޮތަކަށް ނިޔާވެއްޖެ


މާފުށީ ޖަލުގައި ޑިއުޓީކުރަމުންދިޔަ ޖަލު ބަލަހައްޓާ އޮފިސަރަކު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ވިދާޅުވީ ރޭގެ ވަގުތެއްގައި ޑިއުޓީ އަދާކުރަމުންދިޔަ ޕްރިޒަން ޕްރައިވެޓް އާދަމް ނައުޝާދަށް ކުއްލި ސިއްޙީ މައްސަލައެއް ކުރިމަތިވީކަމަށެވެ. އޭނާ ނިޔާވެފައިވަނީ މާފުށީ ސިއްޙީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށްކަމަށްކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ. ނައުޝާދަށް ކުރިމަތިވި ސިއްޙީ މައްސަލައާގުޅޭ އިތުރު މަޢުލޫމާތެއް ކޮމިޝަނަރ އޮފް ޕްރިޒަންސް ހާމައެއްނުކުރައްވައެވެ.

ޕްރިޒަން ޕްރައިވެޓް އާދަމް ނައުޝާދު ނިޔާވިއިރު އޭނާގެ ޢުމުރަކީ 32 އަހަރެވެ. އޭނާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ ގުޅިފައިވަނީ 2014ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 3ވަނަ ދުވަހުއެވެ. ޚިދުމަތުގައި ހޭދަކޮށްފައިވާ 8 އަހަރާއި 7 މަހާއި 26 ދުވަހުގެ ތެރޭގައި އޭނާވަނީ މާފުށީ ޖަލުގެ އެކި ޔުނިޓުތަކުގައި ޚިދުމަތްކޮށްފައިކަމަށް ކަރެކްޝަންސްއިން ވިދާޅުވެއެވެ.