ޚަބަރު

ރަޝިޔާގެ އަމަލުތަކަށް ތަހުޒީބުވެފައިވާ ދުނިޔޭގައި ޖާގައެއް ނެތް: ގުތެރޭޝް


ރަޝިޔާއިން ޔޫކްރެއިނުގެ ހަތަރު ސަރަޙައްދެއް ޖަހައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މި ފަދަ އަމަލުތަކަށް ތަހުޒީބުވެފައިވާ ދުނިޔޭގައި ޖާގައެއް ނެތް ކަމުގައި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ރަޝިޔާގެ މި ފަދަ އަމަލުތަކާ އެކު ބޮޑު ހަނގުރާމައެއް ފެށުމުގެ ނުރައްކާތެރިކަން އިތުރުވެފައިވާ ކަމުގައެވެ.

"ރަޝިޔާއިން ޔޫކްރެއިނުގެ ޑޮކެޓްސްކްއާއި ލުހާންސްކްއާއި ޚާރްސަން އަދި ޒަޕޮރީޜީޔާ ޖަހައިގަތުމުގައި އެއްވެސް ޤާނޫނީ ބުރަދަނެއް ނެތް. އެ އަމަލު ބަލައިގަނެގެން ނުވާނެ. އަދި، އެ ކަން ކުށްވެރިކުރަން ޖެހޭ،" ގުތެރޭޝް ވިދާޅުވިއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ 24 ގައެވެ. އަދި ޔޫކްރެއިނުގެ އިރުމައްޗާއި ދެކުނުގެ ބައެއް ސަރަޙައްދުތައް ވަނީ ހިފާފައެވެ. މިއީ ހަނގުރާމައެއް ނޫން ކަމަށާއި، މިއީ އަސްކަރީ އޮޕަރޭޝަނެއް ކަމުގައި ރަޝިޔާއިން ޤަބޫލު ކުރެއެވެ.

ގުތެރޭޝް ވިދާޅުވި ހަތަރު ސަރަޙައްދުގައި ޔޫކްރެއިނާ ވަކިވެ ރަޝިޔާއާ ގުޅުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ވަނީ ނަގާފައެވެ. ރަޝިޔާއިން ބުނީ، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ވޯޓުން ނިންމާފައި ވަނީ ރަޝިޔާއާ ގުޅެން ކަމުގައެވެ. އަދި، ސެޕްޓެންބަރު 30ވަނަ ދުވަހު، އެއީ ރަޝިޔާގެ ސަރަޙައްދުތަކެއްގެ ގޮތުގައި ބަލައިގަނެ، އެ ކަން ރަސްމީކޮށް އިޢުލާނު ކުރާނެ ކަމަށް އެ ޤައުމުގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮފް ވިދާޅުވިއެވެ.

ގުތެރޭޝް ވިދާޅުވީ މި އަމަލަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އ.ދ.ގެ ޗާޓަރާއި ޚިލާފަށް ރަޝިޔާއިން ހިންގާ އަމަލެއް ކަމުގައެވެ. އަދި، އަސްކަރީ ބާރުގެ ބޭނުންކޮށްގެން މި ފަދަ އަމަލުތައް ހިންގުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައެވެ.

ސަބަބަކީ، ފެންނަ ނުފެންނަ ވޯޓު ނަގާފައި ވަނީ ހަނގުރާމައި މެދުތެރެއިން ކަމަށާއި، ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ރަޝިޔާ ސިފައިންގެ ބެލުމުގެ ދަށުން، ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިއީ ޔޫކްރެއިނުގެ ޤާނޫނު އަސާސީއާ ޚިލާފަށް ހިންގާފައިވާ އަމަލެއް ކަމުގައި ވެސް އޭނާ ޤަބޫލު ކުރައްވައެވެ.

"މި ވޯޓުން ޔޫކްރެއިނުގެ ރައްޔިތުން ދެކޭ ގޮތް އެންމެ ފުރިހަމައަށް ހާމަވި ކަމަށް ޤަބޫލެއް ނުކުރަން. ރަޝިޔާއަކީ އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއް. ރަޝިޔާއިން އ.ދ.ގެ ޗާޓަރަށް ފުރިހަމައަށް އިޙުތިރާމު ކުރަން ޖެހޭނެ،" ގުތެރޭޝް ވިދާޅުވިއެވެ. އަދި، މި އަމަލުތަކާ އެކު ޞުލްޙައަށް އޮތް ދޮރު ބަންދުވެގެން ދާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.