ކުޅިވަރު

ވޮލީ ފިރިހެން ޓީމް ބަލިވިއިރު ފެނުނީ ދަށް ކުޅުމެއް - ކޯޗް


ސައުތު އޭޝިއަން ގޭމްސްގެ ތިންވަނަ ހޮވި މެޗުން ބަލިވިއިރު ޓީމްގެ ފަރާތުން
ފެނުނީ ދަށް ކުޅުމެއް ކަމަށް ރާއްޖޭގެ ފިރިހެން ވޮލީ ޓީމްގެ ކޯޗް ސުންޓޮން ފޮސީޓާ
ބުނެފިއެވެ. 

ތިންވަނަ ހޮވި މެޗްގައި މިއަދު ޕާކިސްތާނާ ވާދަކޮށް ސީދާ ތިން ސެޓުން
ބަލިވި މެޗަށްފަހު ކޯޗް ބުނީ ކުޅުންތެރިންގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް
ކަމަށާއި މޮޅުވުމުގެ ރޫހު ނެތްކަމަށެވެ. އަދި ސެމީ ފައިނަލާ ހިސާބުން ކުޅުންތެރިން
މުބާރާތް ނިންމާލި ކަމަށް ކޯޗް ބުންޏެވެ.



" މިފެނުނީ ވަރަށް ދަށް ކުޅުމެއް. ޓީމްގެ އަސްލު ކުޅުމުގެ އެއް
ޕަސެންޓްވެސް މިއަދަކު ނުފެނުން. ކުޅުންތެރިން މިމެޗަށް އައިރުވެސް ތިބީ ގޭމްސް
ނިންމާލައިގެން." ރާއްޖޭގެ ވޮލީ ކޯޗް ސުންޓޮން ފޮސީޓާ ބުންޏެވެ.



ޕާކިސްކިތާނުން ސީދާ ތިން ސެޓުން މެޗް ކާމިޔާބުކުރިއިރު، މެޗްގެ ސެޓްތައް
އެޓީމް ގެންދިޔައީ 19-25، 13-25 އަދި 17-25އިންނެވެ.



ރާއްޖޭގެ ކޯޗް ސުންޓޮން ފޮސީޓާ ބުނީ މިހާރު ރާއްޖޭގައި އޮތް ޓީމަކީ ކާމިޔާބާ
ހިސާބަށް ދެވޭވަރުގެ ޓީމެއް ކަމަށާއި، ނަމަވެސް އެހިސާބަށް ދިއުމަށް ޓީމްގައި
ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.