ޚަބަރު

ޖޭއެސްސީ އެކުލެވިގެންވާގޮތް މުރާޖަޢާކުރަން ޤާނޫނެއް އެކުލަވާލަން ފަށައިފި


ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް މުރާޖަޢާކުރުމަށް ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމުގެ ޤާނޫނެއް އުކުލަވާލުމުގެ މަސައްކަތް އެޓަރނީ ޖެނަރަލްގެ އޮފީހުން ފަށްޓަވައިފިއެވެ.

މިކަން ހާމަކުރައްވައި އެއޮފީހުން ނެރުނު ބަޔާނެއްގައިވަނީ ޖޭއެސްސީ އެކުލެވިގެންވާގޮތް މުރާޖަޢާކޮށް ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމަށްތަކައި އެކުލަވާލަންޖެހޭ ޤާނޫނު އެކުލަވާލުވުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

އެގޮތުން ޤާނޫނުއަސާސީގެ 157ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ދެފުށް ފެންނަ ސިޔާސީ ނުފޫޒުން މިނިވަން ވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަޤުވާމީ ހަމަތަކާއި އުސޫލުތަކަށް ރިޢާޔަތްކޮށް ޤާނޫނު އަސާސީގެ 158ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާޙުތައް އޭޖީ އޮފީހުން އެކުލަވާލާ މިބިލްގައި ހިމެނޭނެކަމަށް އެއޮފީހުގެ ބަޔާނުގައިވެއެވެ.

އަދި މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ 3ވަނަ ދައުރުގެ ތެރޭގައި މިބިލް މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާކަމަށްވެސް އެއޮފީހުން ވިދާޅުވެއެވެ.

މިބިލް އެކުލަވާލުމަށްޓަކައި ބޭނުންވާ މަޝްވަރާކުރުމަށްޓަކައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ސުޕްރީމްކޯޓާއި، ހައިކޯޓާއި، ދަށުކޯޓުތަކުގެ އިތުރުން ޖޭއެސްސީއާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަވާނެކަމަށްވެސް އޭޖީ އޮފީހުން ވިދާޅުވެފައިވެއެވެ.

ޖޭއެސްސީ އެކުލެވިގެންވާގޮތް މުރާޖަޢާކޮށް، ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމަކީ، ޝަރުޢީދާއިރާ އިސްލާޙުކުރުމަށް މިސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ވަޢުދުކަން އޭޖީއޮފީހުން ފާހަގަކުރައްވައެވެ.