ޚަބަރު

މާދަމާ ރާއްޖޭގައި އަލްޤަރްޟާވީއަށް ކަށު ނަމާދުކުރާނެ


މަޝްހޫރު ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިޚް އަލް ޢައްލާމާ ޔޫސުފް އަލްޤަރްޟާވީ ރަހިމަހުﷲ ގެ މައްޗަށް މާދަމާ ހުކުރު ނަމަދަށްފަހު މުޅި ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އަލްޤަރްޟާވީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ މިމަހުގެ 26 ވަނަދުވަހުއެވެ. އެމަނިކުފާނު އުމުރުފުޅަކީ 96 އަހަރެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޤަރްޟާވީގެ މައްޗަށް ޣައިބަށް ކުރާ ކަށު ނަމާދު މާދަމާގެ ހުކުރު ނަމާދަށްފަހު ރާއްޖޭގެ މީހުން ދިރިއުޅެ ހުރިހާ ރަށޭއްގެ ހުކުރު ކުރާ މިސްކިތްތަކުގައި އޮންނާނެކަމަށެވެ.

އަލްޤަރްޟާވީ އަކީ މި ޒަމާނުގެ ފުންނާބުއުސް ޝަރީޢާ ޢިލްމުވެރިއެކެވެ. އަދި އިސްލާމީ ފިކުރާއި އިސްލާމީ ދަޢުވާގައި އެންމެ ފުންނާބު އުސް ޢިލްމުވެރިންގެ ތެރޭގައި ޤަރްޟާވީ ހިމެނިވަޑައިގެންނަވައެވެ. މީގެއިތުރުން މި ޒަމާނާ ގުޅޭގޮތުން އިސްލާމީ ފިކުރު ތަރައްޤީކުރުމާއި އިޖްތިހާދު ކުރުމުގެ އިސް އެއް މޭސްތިރިއެއްގެ ގޮތުގައިވެސް ޤަރްޟާވީ ހިމެނިވަޑައިގަންނަވައެވެ.

ޤަރްޟާވީ ވަނީ 120 ފޮތެއް ލިޔުއްވާފައެވެ. އެމަނިކުފާނު ލިޔުއްވި ފޮތްތަކުގައި ތެރެއިން އެންމެ މަގުބޫލުކަން ލިބުނީ 1960 ވަނަ އަހަރު ލިޔުއްވި "އަލް ހަލާލް، ވަލް ހަރާމް ފިލް އިސްލާމް" މި ފޮތަށެވެ. މީގެއިތުރުން 1973 ވަނަ އަހަރު ނުކުތް "ފިގްހު އަލް ޒަކާތު" މި ފޮތަކީވެސް އެމަނިކުފާނުގެ ލިޔުއްވުމެކެވެ.