ޚަބަރު

އަރަބިއްޔާ ސްކޫލް އައު އިމާރާތާއި، ޖަމާލުއްދީން ސްކޫލް އެނެކްސްގެ މަސައްކަތް ހަވާލުކޮށްފި


އަރަބިއްޔާ ސްކޫލް އައު އިމާރާތުގެ މަސައްކަތާއި، ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތުގެ ޑިޒައިން އެންޑް ބިލްޓްގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިދެއިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އާއިޝަތު އަލީއެވެ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސެކްރެޓަރީ އިބްރާހީމް ނިހާދުއެވެ.

މިއަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މި ދެ އިމާރާތުގެ މަސައްކަތަށް އެކުންފުނިން ހުށަހަޅާފައިވަނީ 168،525،150.92 (ސަތޭކަ ފަސްދޮޅަސް އަށް މިލިއަން ފަސް ލައްކަ ފަންސަވީސްހާސް އެއްސަތޭކަ ފަންސާސް ރުފިޔާ ނުވަދިހަ ދެލާރި)އެވެ.

މިދެއިމާރާތުގެ މަސައްކަތް 420 ދުވަހުގެ ތެރޭގައި ނިންމުމަށްވަނީ ކަނޑައަޅާފައެވެ.

އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު މިިއިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ބައު ޖަމާލުއްދީން ސްކޫލް ތަޅާ ސާފުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދ މިފެށޭ އޮކްޓޫބަރުމަހުގެ 14 އަށް މިތަން އެއްކޮށް ސާފްކޮށް ނިންމާ އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރެވޭނެ ކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއެވެ.

އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އައު އިމާރާތުގައި 40 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް މިސްކޫލްގައި ފުރިހަމަވެފައި ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި އިމާރުގެ މަސައްކަތް 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ނިމި 2024 ވަނަ އަހަރުގެ ދެވަނަ ޓަރމް ކިޔެވުން ފެށޭއިރު އިމާރާތް ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ. މިއިމާރާތް ނިމުމުން އަރަބިއްޔާ ސްކޫލް ދަރިވަރުންގެ ކިޔެވުމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

ސޮއިކުރެވުނު ޖަމާލުއްދީން ސްކޫލްގެ އެނެކްސް އިމާރާތް ކުރަނީ 34 ކްލާސް ރޫމް ހިމެނޭ ގޮތަށެވެ. މިއިމާރާތުގައިވެސް 2 ލިފްޓް ހުންނާނެއެވެ. މި މިއިމާރާތުގެ މަސައްކަތް 2023 ގެ ޑިސެމްބަރުމަހު ފަހު ކޮޅު މުޅިން ނިމުމަށްވަނީ ކަނޑައަޅާފައެވެ. މިއާއެކު ޖަމާލުއްދީން ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ، ސްކޫލްގެ ކިޔެވުން އެއްދަންފަޅިައަށް ބަދަލުވެގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ. ޖަމާލުއްދީން ސްކޫލްގެ އެނެކްސް ނިމުމުން މާލޭ އޭރިއާގެ އިތުރު 2 ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރެވި 2024 ވަނަ އަހަރުގެ ދެވަނަ ޓަރމުގައި ކިޔެވުން ފެށޭނެ ކަމަށްވެސް އެމިނިސްޓްރީން ހާމަކުރައްވައެވެ.

ސޮއިކުރެވުނު މިއެއްބަސްވުމުގެ ދަށުން މިދެސްކޫލްގެ މުވައްޒަފުން ޕާކް ކުރުމަށް ޕާކިން އެރިއާއެއްވެސް ޑިޒައިންގައި ހިމަނާފައިވެއެވެ. އަދި މިސަރަހައްދުގެ ޓްރެފިކް ހައްލުކުރުމަށް މަދޮށިގޯޅިން ޖަމާލުއްދީން ހިނގުމަށް ސްކޫލްގެ ބޭނުމަށް އައު މަގެއްވެސް މިޑިޒައިންގައިވަނީ ހިމަނާފައެވެ.

ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތް އެޅުމަށް ބަޔަކާ މިހާއަވަހަށް ހަވާލުކޮށްފައި މިވަނީ ޢަރަބި ތަޢުލީމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަމުގެ ދަށުންނެވެ. އެކަން ހާމަވެގެން ދިޔައީ، ޢަރަބިއްޔާގައި ކިޔަވަމުން ދިޔަ ދަރިވަރުންނަށް އެސްކޫލަކީ ރައްކާތެރި ޢިމާރާތެއް ނޫންކަމަށް ކަނޑައެޅި ހިސާބުން، އެސްކޫލުގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދެއަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޔަޤީންކަން ދެއްވުމުންނެވެ. އެގޮތުން އައު ޢިމާރާތެއް ހަމަޖައްސައިދެއްވުމަށް އެ ސްކޫލުގެ ބެލެނިވެރިން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދުމުން، އެމަނިކުފާނު ވަނީ ޢަރަބިއްޔާ ސްކޫލަށް އައު އިމާރާތެއް އަޅުއްވާދެއްވާނެކަން ޔަޤީންކަށްދެއްވާ އެ ސްކޫލަށް ބައު ޖަމާލުދީން ހުރި ބިން ހަމަޖައްސަވާދެއްވާފައެވެ. އަދި އައު އިމާރާތް ނިމެންދެން ޢަރަބިއްޔާ ދަރިވަރުން ކިޔެވުމަށް ފޮރިން މިނިސްޓްރީން ބޭނުންކުރި ވަގުތީ އިމާރާތް ހަމަޖައްސައިދެއްވިއެވެ.

އަރަބިއްޔާ ސްކޫލަށް ދިމާވި މައްސަލަތައް ޙައްލުކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ދެއްވި ޔަޤީންކަމާއެކީ އަރަބި ތަޢުލީމަށް މި ސަރުކާރުން އިސްކަންދެއްވާ މިންވަރު ހާމަވެގެންދިޔަ ކަމަށް އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީޓީއޭ މެމްބަރުންވެސް ވަނީ ބުނެފައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެ ނިންމެވުމާއި އެކު މާގިނަ ދުވަސްތަކެއް ނުވެ އެސްކޫލުގެ އައު ޢިމާރާތް އެޅުމަށް މިހާރު މިވަނީ ތައްޔާރުވެފައެވެ.