ޚަބަރު

އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން 4.6 ބިލިޔަން ރުފިޔާ


އަހަރުގެ މިހާތަނަށް ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން 4.6 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިޢުވާން މިހެން ވިދާޅުވީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ
ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ނޫސްވެރިންގެ މިބައްދަލުވުން ޚާއްޞަކޮށްފައިވަނީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކާއި ގުޅޭ ގޮތުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢުވާން މުޙައްމަދު ވަނީ އެކި ދާއިރާތަކުން ސަރުކާރުން ހިންގާފައިވާ ޕީއެސްއައިޕީ މަޝްރޫޢުތަކާއި މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި އަދި ބީލަން މަރުހަލާއާ ޕްލޭނިންގ މަރުހަލާގައި ހުރި މަޝްރޫޢުތަކުގެ ތަފާސް ހިސާބުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. އޭގެތެރޭގައި ކަރަންޓާއި ފެނާއި ނަރުދަމާއާއި ބަނދަރުހެދުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމާއި މަގުހެދުމުގެ އިތުރުން ބޯހިޔާވަހިކަމާއި ގުޅޭ މަޝްރޫޢުތަކުގެ ތަފާސް ހިސާބު ވަނީ ހިއްސާކުރައްވާފައެވެ.

"އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން 4.6 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވޭ. އަދި އެއީ ޕިއެސްއައިޕީ މަޝްރޫޢުތަކަށް މިއަހަރު ކަނޑައެޅި ބަޖެޓުގެ 76 އިންސައްތަ" މިޢުވާން ވިދާޅުވިއެވެ.

މިޢުވާން ވިދާޅުވީ ތަކެތީގެ އަގު ބޮޑުވުމާއި ތަކެތި ލިބުމަށް ދަތިވުމުގެ ސަބަބުން ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ޓައިމްލައިނަށް ބަދަލުތަކެއް އަތުވެދާނެކަމަށެވެ. އެހެންނަމަވެސް އެއްވެސް މަޝްރޫޢެއް ނުހުއްޓި ކުރިއަށްދާނެކަމަށް މިޢުވާން ވިދާޅުވިއެވެ. އަދި މިހާރު ތަރައްޤީގެ ޕްރޮޖެކްޓެއް ނުހިނގާނެ އެއްވެސް ރަށެއް ނޯންނާނެކަމަށްވެސް މިޢުވާން ވިދާޅުވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ކައުންސިލްތަކާ، އ.ތ.މ ކޮމިޓީތަކާއެކު ބޭއްވެވި ބައްދަލުވުންތަކުގައިވެސް ރަށްރަށުގެ މެދުގައި ތަފާތު ކުރުމެއް ނެތި އެރަށްރަށުގެ ތަރައްޤީއަށް މިސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާކަން ކައުންސިލްތަކުން ފާހަގަކުރައްވާފައިވާ ކަމަށް ސްޕޯކްސްޕަރސަން ވިދާޅުވިއެވެ. މިއުވާން ވިދާޅުވީ މީގެ ކުރިން ކައުންސިލް ބައްދަލުވުންތަކުގައިވެސް ކައުންސިލްތަކުން އެންމެ ބޮޑަށް ފާހަގަކުރަމުން އައީ އަސާސީ ޚިދުމަތްތައް ނުލިބުން ކަމަށާއި އެހެންނަމަވެސް މިސަރުކާރުން ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކާއެކު އެޙާލަތު ބަދަލުވެފައިވާ ކަމަށެވެ.