ޚަބަރު

މެރިޓައިމް ދާއިރާގެ މުޙިއްމު 14 ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން: މިނިސްޓްރީ


މެރިޓައިމް ދާއިރާގެ ޤާނޫނުތަކާއި ގަވާއިދުތައް ހަދައި މިދާއިރާ ހަރުދަނާ ކުރުމަށް މުޙިއްމު 14 ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މިއަހަރުގެ ބައިނަލްއަޤްވާމީ ކަނޑު ދަތުރުފަތުރާއި ބެހޭ ދުވަހާއި ގުޅުވައިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

ކަނޑު ދަތުރުފަތުރުގެ ސިނާއަތަށް ދެމެހެއްޓެނިވި ތަރައްޤީ އާއި ކުރިއެރުން ގެނައުމަށްޓަކައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމުގެމަތިން ވަރަށް ގިނަ ކަންކަން ދަނީ ރާއްޖޭގައި ކުރަމުންނެވެ. އެގޮތުން ކެޕްޓަނުންނާއި އިންޖީނިއަރުން ތައްޔާރުކުރުމަށް ފަށާފައިވާ ޕްރޮގްރާމުގައި ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި 30 އޮފިސަރުން ތަމްރީން ކުރުމަށް ނިންމާ އެކަމުގެ އަމަލީ މަސައްކަތްވަނީ ފަށާފައެވެ. އަދި 2020ވަނަ އަހަރު މޯލްޑިވްސް ސްޓޭޓް ޝިޕިންގ ނަމުގައި ޝިފިންގ ލައިނެއް ތައާރަފުކޮށް އެ ޝިފިންގލައިންގެ މަސައްކަތްތައް އަންނަނީ ހަރުދަނާ ކުރަމުންނެވެ.

މި ޝިފިންގ ލައިންގެ ސަބަބުން ރާއްޖެއަށް މުދާ ގެނައުމަށާއި ރާއްޖެއިން މުދާ އެކްސްޕޯޓު ކުރުމަށް އަދި މި ސިނާއަތުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އިތުރު ވަޒީފާގެ ފުރުސަތުތައް ވަނީ ލިބެންފަށާފައެވެ. ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތް ހަރުދަނާކުރުމަށްޓަކައި ސްޓްރެޓެޖިކް އެކްޝަން ޕްލޭންއެއް އެކުލަވާލައި އިންޓަރނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަންގެ އެހީގައި ކަންކަން ހަރުދަނާކުރުމަށް ވަނީ 2022ވަނަ އަހަރު ފަށާފައެވެ.

އެގޮތުން މެރިޓައިމް ދާއިރާގެ ޤާނޫނުތަކާއި ގަވާއިދުތައް ހަދައި މިދާއިރާ ހަރުދަނާކުރުމަށް މުޙިއްމު 14 ގަވާއިދެއް ވަނީ ނިންމުމުގެ މަރުހަލާގައި ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކުރެއެވެ. މި ގަވާއިދުތަކުގެތެރޭގައި ކަނޑު ދަތުރުފަތުރުގެ ސިނާއަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމުގެ ގަވާއިދާއި އެ ފަރާތްތަކުގެ ތައުލީމާއި ތަމްރީނާއި ސަނަދާއި ގުޅޭގޮތުން އެކުލަވާލާފައިވާ މުޢާހަދާގެ ދަށުން ލާޒިމުވާ ގަވާއިދުތައް ހިމެނިގެންދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކުރެއެވެ.

އަދި މިކަމުގެ ސަބަބުން މި ދާއިރާ ބިނާކުރުމަށް ތަމްރީނު ކުރެވޭ ފަރާތްތަކުގެ ކުރިއެރުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެވޭނެ ކަމަށްވެސް ޓްރާންސްޕޯޓު މިނިސްޓްރީން ދެކެއެވެ.

ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރާއި ބެހޭ ޖަމުޢިއްޔާގެ މެމްބަރު ޤައުމަކަށް ރާއްޖެވުމާއެކު ކަނޑު ދަތުރުފަތުރާއި ބެހޭ ދުވަސް ރާއްޖޭގައިވެސް އަންނަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 29ވަނަ ދުވަހު ފާހަގަކުރަމުންނެވެ. މިއަހަރުގެ ޝިއާރަކީ " ނިއު ޓެކްނޮލޮޖީސް ފޮރ ގްރީނަރ ޝިޕިންގ" އެވެ.

މި ދުވަހުގެ މުނާސަބަތުގައި ބައިނަލްއަޤްވާމީ ކަނޑު ދަތުރުފަތުރާއި ބެހޭ ޖަމުޢިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ ހިތާބުގައި، ކަނޑު އުޅަނދުފަހަރުގައި ޑިޖިޓަލައިޒޭޝަންއާއި އޮޓަމޭޝަންގެ މުހިންމުކަމާއި ޓެކްނޮލޮޖީގެ އެހީގައި ސާފު އަދި ރައްކާތެރި ކަނޑުގެ ވެއްޓެއް ޤާއިމްކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ޝިޕިންގ އިންޑަސްޓްރީ އޮތުމުން ކުރާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާފައިވެއެވެ.

އަދި އަންހެނުން މި ސިނާއަތުގައި މަސައްކަތް ކުރުމަށް ހިތްވަރުދެއްވައި ޝިފިންގ އިންޑަސްޓްރީއަށް މިއަންނަ ޓެކްނޮލޮޖީގެ ބަދަލުތަކުގައި ބައިވެރިވުމަށް ގޮވާލައްވާފައިވެއެވެ.