ކުޅިވަރު

ބޫޓާން މެޗުގައިވެސް ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ޝިއުރާ


ރާއްޖޭގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ އެންމެ ބޮޑު އަންހެން ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ އަންހެނުންގެ ސާބާ ޗެމްޕިއަންޝިޕް 2022 ގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުގައި ސަޕޯޓަރުންގެ އެހީތެރިކަން ބޭނުންވާ ކަމަށް އަންހެން ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަން އައިމިނަތު ޝިއުރާ އަބްދުލް ބާރީ ބުނެފިއެވެ.

ސްރީ ލަންކާ އަތުން ބުދަ ދުވަހުގެރޭ ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން ޝިއުރާ ބުނީ އެ މެޗުގައި ކަންތައް ވެގެންދިޔައީ ހީކުރި ގޮތާ ޚިލާފަށް ކަމަށެވެ. ލަންކާއިން ނޭޕާލު އަތުން ބަލިވެފައި އޮތުމުން ރާއްޖެ މެޗަށް ނުކުންނާނީ ވަރުގަދަކޮށްކަން އެނގޭ ކަމަށާއި، އެކަމަކު މިއަށްވުރެ ރަނގަޅު ނަތީޖާއެއް މި މެޗުން ނެރެވޭނެ ކަމަށް އުންމީދުކުރި ކަމަށް ޝިއުރާ ބުންޏެވެ.

ޝިއުރާ ބުނީ މެޗުގެ ފުރަތަމަ ކުއާޓާގައި ލަންކާއިން ބޮޑު ލީޑެއް ނެގުމުން ދެން ހުރި ކުއާޓާތަކުގައި އެ ލީޑު އަތުލުމަށް މަސައްކަތްކުރަން ޖެހުނުކަމަށެވެ. އަދި އެކަން ކާމިޔާބުނުވީ ކަމަށެވެ.

ޝިއުރާ ބުނީ ލަންކާ އަތުން ބަލިވިކަމުގައިވިޔަސް ރާއްޖެއަށް އަދި މި މުބާރާތް ނުނިމޭ ކަމަށާއި، ކުރިއަށް އޮތް ބޫޓާން މެޗަށްވެސް ސަޕޯޓަރުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި ލަންކާ މެޗުގައި އާއި ނޭޕާލު މެޗުގައި ސަޕޯޓަރުން ވަރަށް ރަނގަޅު ސަޕޯޓެއްދިންކަން ޝިއުރާ ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެ ބަލިކޮށް ލަންކާއިން ވަނީ ރަން މެޑަލް ދިފާއުކޮށްފައެވެ. ބުރާސްފަތި ދުވަހުގެރޭ މި މުބާރާތުގެ ފަހު މެޗު ކުޅޭއިރު، ބޫޓާން ބަލިކޮށް ލޯ މެޑަލް ހޯދުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތެވެ.