ޚަބަރު

މަޑަވެލީގެ ޓީއެސް ލައިން ދޯނިން ރެކޯޑު އަދަދަކަށް މަސް ބާނައިފި


ގދ.މަޑަވެލީގެ ޓީއެސް ލައިން ދޯނިން ރެކޯޑު އަދަދަކަށް މަސް ބާނައިފިއެވެ. މިފްކޯއިން މައުލޫމާތުދޭގޮތުގައި އެ ދޯނިން ވަނީ 57.152 ޓަނު މަސް ކޫއްޑޫއަށް ކިރުވައި، އެއްދުވަހެއްގެ ދޯނީގެ މަސްވެެރިކަމުގެ ރިކޯޑެއް ހަދާފައި ކަމަށެވެ.

ޓީއެސް ލައިން ދޯނިން ކިރުވި މަހަަށް ލިބުނު އާމްދަނީއަކީ 971،584 ( ނުވަލައްކަ ހަތްދިހަ އެއް ހާސް ފަސްސަތޭކަ އަށްޑިހަ ހަތަރު) ރުފިޔާއެވެ.

ޓީއެސް ލައިން ދޯންޏަކީ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ދޯންޏެކެވެ. އެގޮތުން އެ ދޯންޏަކީ މިދިޔަ އަހަރު މިފްކޯއަށް އެންމެ ގިނަ އަދަދަކަށް މަސް ކިރުވި ދޯނިއެވެ. އެއީ 1095.805 ޓަނުގެ މަހެވެ. އެއްދުވަހެއްގައި އެންމެ ގިނަ މަސް މިފްކޯއަށް ކިރުވާފައިވާ ކަމުގެ ރެކޯޑު މީގެކުރިން ހަދާފައިވަނީ 2006 ވަނަ އަހަރު ގދ.ތިނަދޫ ރަސްމަގު ދޯނިންނެވެ. އެ ދޯނިން އެފަހަރު ވަނީ 53 ޓަނުގެ މަސް ކިރުވާފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ، އިސްމާއިލް ފައުޒީ ވިދާޅުވީ ޓީއެސް ލައިން ދޯނިން މަސް ބާނާފައިވަނީ ތިނަދޫގެ 30 މޭލު ބޭރުން ކަމަށެވެ. އަދި މި ދޯނިން ވަނީ މި ފާއިތުވީ 4 ހަފްތާތެރޭ ޖުމްލަ 302 ޓަނުގެ މަސް ކިރުވާފައިވާ ކަން އިސްމާއިލް ފާހަގަކުރެއްވިއެވެ.

މިފްކޯއަށް މިހާރު ގިނަ އަދަދެއްގެ މަސް ދޯނިތައް މަސް ކިރުވަމުން ދާތީ މަސް ކިރުވުމުގެ މަސައްކަތް އަވަސްކޮށް، މަސްވެރިން ކިއުގައި ހޭދަކުރާ ވަގުތު ކުޑަ ކުރުމަށްދަނީ މަސައްކަތް ކުރަމުންނެވެ.

އިސްމާއިލް ވިދާޅުވީ ހުކުރު ދުވަހުވެސް މިހާރު މަސް ކިރުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

" މިމަސްވެރިކަމުގައި އިރު އޮއްސޭފަހުން މަސް ކިރަން އަންނަނީ، އެރޭގެ ބަޔަކާއެކު މަސްތައް ކިރުވޭ، ބައެއް ދުވަސްތަކުގެ ހަތްސަތޭކަ ޓަނަށްވުރެ އިތުރަށްވެސް އެބަ މަސް ކިރުވޭ، ހުކުރު ދުވަސްތަކުގައިވެސް މަސް ކިރުވަމުން މިދަނީ، މުވައްޒަފުންވެސް ވަރަށް ބުރަކޮށް މަސައްކަތްކުރަމުން މިދަނީ،" އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ފާހަގަކުރެއްވިގޮތުގައި މިމަސްވެރިކަމުގައި ބާނަމުންދަނީ ވަރަށް ބޮޑެތި މަސް ކަމަށެވެ. އެހެންކަމުން މަސް ފްރީޒް ކުރުމަށްވެސް ގިނަ ވަގުތުތަކެއް ހޭދަވާ ކަމަށެވެ. ގިނަ އަދަދެއްގެ މަސް ދޯނިތައް މަސް ކިރުވަމުން ދިޔަ ނަމަވެސް މަސް ކިރުވުމުގައި ކޮންޓްރޯލެއް ގެންގުޅުމުގެ ވިސްނުން ނެތް ކަމަށްވެސް އިސްމާއިލް ވިދާޅުވިއެވެ.