ޚަބަރު

އީރާނުން އިރާޤަށް ހަމަލާދީ 13 މީހުން މަރާލައިފި


އީރާނުން އިރާޤުގެ އުތުރުގައި އޮންނަ ކުރުދިސްތާން ސަރަޙައްދަށް ވަރުގަދަ ހަމަލާތަކެއްދީ 13 މީހަކު މަރައިލައިފިއެވެ. އެ ސަރަޙައްދަށް އީރާނުން ހަމަލާދީފައި ވަނީ މިސައިލާއި ޑްރޯން ހަތިޔާރު ބޭނުން ކޮށްގެންނެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި މާބަނޑު އަންހެނެއް ވެސް ހިމެނެއެވެ.

އީރާނުން ބުނީ، މި ހަމަލާތައް އަމާޒު ކޮށްފައި ވަނީ ކުރުދިސްތާނުގައި ހަރަކާތްތެރިވާ ޓެރެރިސްޓް ޖަމާޢަތްތަކުން ބޭނުން ކުރާ ޢިމާރާތްތަކަށް ކަމުގައެވެ. އަދި، ކުރުދީ ޓެރެރިސްޓު ޖަމާޢަތްތަކުން އީރާނަށް އެތެރެވެ، އެ ޤައުމުގައި ހަމަނުޖެހުން ހިންގައި، ޞުލްހަމަސަލަސްކަން ނަގައިލަން މަސައްކަތް ކުރަމުންދާ ކަމުގައި އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑްސް ކޯއިން ތުހުމަތު ކުރެއެވެ.

އީރާނުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 22 އަހަރުގެ ކުއްޖެއް ކަމުގައިވާ މަޙްސާ އަމީނީގެ މަރުގެ ހާދިސާއާ ގުޅިގެން އީރާނުގެ އެކި ސަރަޙައްދުތަކުގައި އެތަކެއް ހާސް ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. މަޙްސާއަކީ ކުރުދީ ދަރިކޮޅަށް ނިސްބަތްވާ އީރާނު ރައްޔިތެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހެދުން އެޅުމުގެ މިންގަނޑުތަކާ ޚިލާފުވުމުގެ ކުށުގައެވެ. އޭނާގެ މަރާ ގުޅިގެން ފެށި މުޒާހަރާތަކުގެ ފަހަތުގައި ވަނީ އިރާޤުގެ ކުރުދީން ކަމުގައި އީރާނުން ތުހުމަތު ކުރެއެވެ.

އިރާޤުގެ ކުރުދިސްތާން ސަރަޙައްދުގެ އޮފިޝަލުން ބުނީ އީރާނުން ދީފައިވާ ހަމަލާތަކުގައި 58 މީހުން ޒަޚަމުވި ކަމުގައެވެ. ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމުގައި ވެސް އޮފިޝަލުން ބުނެއެވެ. އަދި، ތިން ނޫސްވެރިން ވެސް ޒަޚަމުވިއެވެ. އީރާނުން 70 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ހަމަލާ ދީފައިވާ ކަމުގައި ވެސް އޮފިޝަލުން ބުންޏެވެ.

އީރާނުން ފޮނުވައިލި ބައެއް މިސައިލް ހަމަލާތައް ކުރުދިސްތާން ސަރަޙައްދުގައި ރެފިޔުޖީން ދިރިއުޅޭ ސަރަޙައްދުތަކަށް ވެސް އަރާފައިވާ ކަމަށާއި، ގިނަ އަދަދެއްގެ ރެފިޔުޖީން ޒަޚަމުވި ކަމުގައި އ.ދ.ގެ ރެފިޔުޖީންނާ ބެހޭ އިދާރާއިން ބުނެއެވެ. އެއް ހަމަލާ އަރާފައި ވަނީ ސްކޫލަކަށް ކަމުގައި އެ އިދާރާއިން ބުންޏެވެ.

އީރާނުން ފޮނުވައިލި އެއް ޑްރޯންގެ ސަބަބުން އިރާޤުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން ތިބޭ މަރުކަޒަކަށް ނުރައްކާވުމުން އެ ޑްރޯން ވައްޓައިލާފައިވާ ކަމުގައި އެމެރިކާގެ އަސްކަރިއްޔާއިން ބުންޏެވެ. މި ހަމަލާތަކާ ގުޅިގެން އިރާޤުގައި ހުންނަވާ އީރާނުގެ ސަފީރާ އެ ޤައުމުން ވަނީ ސުވާލުކޮށްފައެވެ.

އީރާނުގެ ހަމަލާތަކަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އިރާޤުގައި ހަރަކާތްތެރިވާ އ.ދ.ގެ މިޝަންއިން ބުނީ، ރޮކެޓް ހަމަލާތަކާ ގުޅިގެން ގިނަ ބަޔެއްގެ ފުރާނައަށް ނުރައްކާވި ކަމުގައެވެ. އެމެރިކާއިން ވަނީ އީރާނުގެ ހަމަލާތައް ކުށްވެރި ކޮށްފައެވެ. އަދި، މިފަދަ އިތުރު ހަމަލާތައް ނުދިނުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ އީރާނަށް އިންޒާރު ދީފައެވެ. މީގެ އިތުރުން އިނގިރޭސި ވިލާތާއި ޖަރުމަނު ވިލާތުން ވެސް ވަނީ އީރާނުގެ ހަމަލާތައް ކުށްވެރި ކޮށްފައެވެ.