ޚަބަރު

ތޫފާން އިއަންއާއެކު ފްލޮރިޑާގެ ބޮޑު ސަރަޙައްދެއްގައި ކަރަންޓެއް ނެތް


އެޓްލާންޓިކް ކަނޑުގައި އުފެދިފައިވާ ކެޓެގަރީ ހަތަރެއްގެ ބާރުގަދަ ތޫފާނެއް ކަމުގައިވާ އިއަން އެމެރިކާގެ އިރުދެކުނުން އޮންނަ ފްލޮރިޑާ ސްޓޭޓަށް އެރުމުގެ ސަބަބުން ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ތޫފާނާ އެކު ގަޑިއަކު 240 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހެމުންދާ ކަމުގައި އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރ (އެން.އެޗް.ސީ)އިން ބުނެއެވެ.

ތޫފާނުގެ އަސަރު ފުރަތަމަ ކޮށްފައި ވަނީ ފްލޮރިޑާގެ އައްސޭރިފަށުގެ ރަށެއް ކަމުގައިވާ ކާޔޯ ކޮސްޓާއަށެވެ. އަދި ނޭޕްލްސް ފަދަ އައްސޭރިފަށުގެ ރަށްތަކުގައި ވަނީ ފެންބޮޑުވެފައެވެ. މަގުތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ދުއްވާ އުޅަނދުގެ އިތުރުން އައްސޭރިފަށުގައިވާ ގިނަ އަދަދެއްގެ ގެދޮރަށް ވަނީ ގެއްލުން ލިބިފައެވެ.

ފްލޮރިޑާގެ ބޮޑު ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ. އެ ސްޓޭޓްގެ މިލިޔަނަކަށް ވުރެ ގިނަ މީހުންނަށް މި ވަގުތު ކަރަންޓުގެ ޚިދުމަތް ނުލިބޭ ކަމަށާއި، އިތުރު ސަރަޙައްދުތަކުން އެ ޚިދުމަތް ކެނޑޭނެ ކަމަށް ބެލެވެއެވެ.

މި ތޫފާނުގެ އަސަރު ފްލޮރިޑާގެ އިތުރުން ޖޯޖިޔާއާއި ސައުތް ކެރޮލައިނާގެ ރައްޔިތުންނަށް ވެސް ކުރާނެ ކަމުގައި އެން.އެޗް.ސީ.އިން ބުނެއެވެ. އަދި، ތޫފާނުގެ ސަބަބުން ކުރިމަތިވި އެކި ހާދިސާތަކުގައި ގިނަ އަދަދެއްގެ މީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގައި އެމެރިކާގެ ބޯޑަރ ޕެޓްރޯލްއިން ބުނެއެވެ. ނަމަވެސް، އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ކޮށްފައެއް ނެތެވެ.

މި ތޫފާނާ އެކު ފްލޮރިޑާގެ އައްސޭރިފަށުގެ ކަނޑުތައް ވަނީ ގަދަވެފައެވެ. ބޯޑަރ ޕެޓްރޯލްއިން ބުނީ، ކިޔުބާއިން އެމެރިކާއަށް ހިޖުރަކުރަން މަސައްކަތް ކުރި ބަޔަކު އަރުވައިގެން ދަތުރުކުރަމުން ދިޔަ ބޯޓެއް ފެތި، 24 މީހުން ކަނޑުވި ކަމުގައެވެ. މީގެ ތެރެއިން ހަތަރު މީހަކު ފަތާފައި ފްލޮރިޑާއަށް އެރި ނަމަވެސް، އިތުރު 20 މީހުން ގެއްލިފައިވާ ކަމުގައި އެ އިދާރާއިން ބުނެއެވެ. އެމެރިކާގެ ކޯސްޓްގާޑުން ވަނީ އިތުރު ތިން މީހަކު ސަލާމަތް ކޮށްފައެވެ.

ތޫފާން އިއަންއަކީ ސަފަޔަރ-ސިމްޕްސަން މިންގަނޑުން ބަލާއިރު ދެވަނައަށް އެންމެ ބާރުގަދަ ކެޓެގަރީގެ ތޫފާނެކެވެ. މި މިންގަނޑުން ބަލާއިރު އެންމެ މަތީ އަދި އެންމެ ނުރައްކާތެރި ކެޓެގަރީއަކީ ކެޓެގަރީ ފަހެކެވެ.

މިއީ، ފްލޮރިޑާގެ ރައްޔިތުންނަށް އުމުރު ދުވަހު ވެސް ކުރިމަތިވާނެ އެންމެ ނުރައްކާތެރި އެއް ތޫފާން ކަމުގައި އެމެރިކާގެ މޫސުމާ ބެހޭ އިދާރާ ނޭޝަނަލް ވެދަރ ސަރވިސްގެ ޑިރެކްޓަރ ކެން ގްރެހަމް ވިދާޅުވިއެވެ. މި ތޫފާނާ އެކު ފްލޮރިޑާއަށް ނުރައްކާތެރި ދުވަސްތަކެއް ކުރިމަތިވެފައިވާ ކަމުގައި އެ ސްޓޭޓްގެ ގަވަރުނަރު ރޮން ޑިސެންޓިސް ވިދާޅުވިއެވެ.

މި ތޫފާނުގެ ނުރައްކާ ކުރިމަތިވެފައިވާ 2.5 މިލިޔަން މީހަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ފްލޮރިޑާ ސްޓޭޓުން ވަނީ އަމުރު ކޮށްފައެވެ. އަދި، އެ ސްޓޭޓުގައި ބަންދުވެފައި ތިބި މީހުން ރައްކާތެރިކަން ހޯދުމުގެ ގޮތުން ގޭގައި މަޑު ކުރުމަށް ވެސް ވަނީ އަންގާފައެވެ.

ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގައި ނޭޝަނަލް ގާޑުގެ 3,200 އަށްވުރެ ގިނަ ސިފައިން މިހާރު ވެސް ހަރަކާތްތެރިވަމުން ދާއިރު، އިތުރު 1,800 ސިފައިން ފޮނުވަން ޕެންޓެގަންއިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެން.އެޗް.ސީ.އިން ބުނީ ތޫފާނާ އެކު ފްލޮރިޑާގެ ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރިވެފައިވާ ކަމުގައެވެ. އަދި، 12އާއި 18 ފޫޓުގެ ބިޔާ ރާޅުތައް އައްސޭރިފަށުގެ ސަރަޙައްދުތަކަށް ބިންދަމުން ދާއިރު، ތޫފާނާ އެކު އެ ސްޓޭޓްގެ ސަރަޙައްދުތަކަށް 610 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް އެން.އެޗް.ސީ.އިން އަންދާޒާ ކުރެއެވެ.

ފްލޮރިޑާއަށް އެރުމުގެ ކުރިން ތޫފާން އިއަން ވަނީ ކިޔުބާގެ ހުޅަނގުގެ ސަރަޙައްދުތަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ކުރިމަތިވި އެކި ހާދިސާތަކުގައި ދެ މީހަކު މަރުވި ކަމަށް ރިޕޯޓު ކޮށްފައި ވާއިރު، ކިޔުބާގެ ހުޅަނގުގެ ގިނަ ސަރަޙައްދުތަކުން ވެސް ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.