ޚަބަރު

ޔޫކްރެއިނުގެ ބައެއް ސަރަޙައްދުތަކުން ރަޝިޔާއާ ގުޅެން ނިންމައިފި


ޔޫކްރެއިނުން ވަކިވެ، ރަޝިޔާއާ ގުޅެން ޔޫކްރެއިނުގެ ހަތަރު ސަރަޙައްދަކުން ނިންމައިފިއެވެ. މި ކަމާ ގުޅޭ ގޮތުން ޔޫކްރެއިނުގެ ޑޮނެޓްސްކް، ލުހާންކްސް، ޚާރްސަން އަދި ޒަޕޮރީޜިޔާގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ކުރި ލިބިފައި ވަނީ ޔޫކްރެއިނާ ވަކިވުމަށް ކަމުގައި، އެ ސަރަޙައްދުތަކުގެ އިދާރީ ހިންގުން ރަޝިޔާއިން ހަވާލު ކޮށްފައިވާ ފަރާތްތަކުން ބުނެއެވެ.

މި ހަތަރު ސަރަޙައްދުގެ ތެރެއިން ޑޮނެޓްސްކްއާއި ލުހާންސްކްއަކީ އެ ޤައުމުގެ އިރުމަތީގައިވާ ޑޮންބާސް ސަރަޙައްދުގައި ހިމެނޭ ދެ ރަށެވެ. އަދި، ޚާރްސަންއާއި ޒަޕޮރީޜިޔާއަކީ އެ ޤައުމުގެ ދެކުނުގައިވާ ދެ ސަރަޙައްދެވެ. މި ހަތަރު ސަރަޙައްދަކީ ވެސް، ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގައި އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކެކެވެ.

ޒަޕޮރީޜިޔާގައި ނެގި ވޯޓުގައި 93 އިންސައްތަ މީހުން ވޯޓުލާފައި ވަނީ ރަޝިޔާއާ ގުޅުމަށެވެ. ޒަޕޮރީޜިޔާގެ ވޯޓުގައި ބައިވެރިވި 87 އިންސައްތަ މީހުން ވެސް ވޯޓު ލާފައި ވަނީ ރަޝިޔާއާ އެއްކޮޅަށެވެ. އަދި ޚާރްސަންގެ ރައްޔިތުންގެ ތެރެއިން 87 އިންސައްތަ މީހުންނާއި، ލުހާންސްކްގެ 98 އިންސައްތަ މީހުން ވެސް ވޯޓު ލާފައި ވަނީ އެ ސަރަޙައްދުތަކުގެ ބާރު ރަޝިޔާއަށް ދިނުމަށެވެ.

ޔޫކްރެއިނުގެ ސަރުކާރުން ވަނީ މި ވޯޓުތަކުގެ ނަތީޖާ ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ. އަދި، މިއީ ޞައްޙަ ވޯޓެއްގެ ގޮތުގައި ހުޅަނގުގެ ޤައުމުތަކުން ބަލައިނުގަންނާނެ ކަމަށާއި، އެ ހަތަރު ސަރަޙައްދަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމާނެ ކަމަށް ޔޫކްރެއިނުން ބުނެއެވެ.

"މި ކަމާ ގުޅޭ ގޮތުން ރަޝިޔާގެ ރައީސާ މަޝްވަރާ ކުރަން ޖެހޭނެ އެއްވެސް ސަބަބެއް ނެތް،" ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވިއެވެ. އަދި، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ޔޫކްރެއިނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަން ޖެހުނު ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"ފެންނަ ނުފެންނަ ވޯޓު ނަގާ ސަރަޙައްދުތަކުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ރަޝިޔާގެ ހުރިހާ ރައްޔިތުންގެ އަމާޒު. ރަޝިޔާގެ މުޅި މުޖުތަމަޢުގެ އަމާޒު،" ވޯޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެފައިވެއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮފް ވިދާޅުވީ، އެ ސަރަޙައްދުތަކުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުން ކުރަން ޖެހުނު އެއްވެސް ހަތިޔާރެއް ބޭނުން ކުރަން އެ ޤައުމުން ފަސް ނުޖެހޭނެ ކަމުގައެވެ.

ރަޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑިމިޓްރީ މެޑްވެޑޭފް ވެސް ވަނީ، ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ޤައުމުން އެ ކަން ކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އެއީ ރަޝިޔާއަށް ލިބިފައިވާ ހައްޤެއްގެ ގޮތުގައި އޭނާ ސިފަ ކުރައްވައެވެ.

މި ކަމާ ގުޅިގެން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ނިއުކްލިޔަރ ހަތިޔާރު ބޭނުންކުރާނެ ކަމުގެ އިންޒާރުދީ، އެ ފަދަ ފަނާކުރަނިވި ހަތިޔާރު ބޭނުންކުރާނެ ކަމަށް ބުނެ ބިރުދެއްކުމާއި ބްލެކްމެއިލް ކުރުން ހުއްޓައިލުމަށް ގޮވައިލައްވާފައެވެ.