ޚަބަރު

ދަގަނޑު ހެރުނު މީހާގެ ފުރާނަ ސަލާމަތްވީ 9 ގަޑިއިރުގެ ސާޖަރީއަށްފަހު!


މަސައްކަތުގެ ތެރެއިން ހިނގާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކޮށްދިނުމަށް އޭޑީކޭ ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑައިރެކްޓާރ އަހުމަދު އަފްއާލް މިކަމަށް އިލްތިމާސްކުރެއްވީ މިމަހުގެ 17 ވަނަ ދުވަހު ކޮންސްޓްރަކްޝަން ސައިޓެއްގައި ދަގަނޑެއް ހެރުނު ހާދިސާގައި ޒަހަމްވި މީހާގެ ފުރާނަ ސަލާމަތްކުރަން ކުރި ކާމިޔާބު އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވަމުންނެވެ.

ހ. ޒާހަމްގައި މަސައްކަތް ކުރަނިކޮށް މިމަހުގެ 6 ފޫޓުގެ ދަގަނޑެއް ހެރުނީ ރަޝީދް ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ގެ ބަންގްލަދޭޝް މުވައްޒަފެއްގެ ގަޔަށެވެ. އެ ހާދިސާ ހިނގީ ވައިގޮޅިން އިމާރާތުގެ ހަ ވަނަ ބުރިއަށް ދަގަނޑުތަކެއް އަރުވަން އުޅުމުގެ ތެރޭގައެވެ.

އެ ހާދިސާގައި ބިދޭސީ މީހާގެ ހަށިގަނޑަށް ދަގަނޑު ވަނީ ނޭފަތުން ލައިފައިކަމަށް ޑޮކްޓަރުން ބުނެއެވެ. އަދި މުޅި ހަށިގަނޑުގެ ތެރެއިން ދަގަނޑު ދަތުރުކޮށްފައިވާއިރު ހަށިގަނޑުގެ މުހިއްމު ގުނަވަންތަކަށް ގެއްލުންވެފައިވާކަމަށްވެސް ޑޮކްޓަރުން ބުނެއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު އަފްއާލް ވިދާޅުވީ ޒަހަމްވި މަސައްކަތްތެރިޔާގެ ފުރާނަ ސަލާމަތް ކުރެވުނީ ގިނަ ބަޔަކު ކުރި މަސައްކަތުން، ﷲގެ ވާގިފުޅާއެކުކަމަށެވެ. އަފްއާލް ވިދާޅުވީ އޭނާގެ ފުރާނަ ސަލާމަތްކުރަން 9 ގަޑިއިރު ވަންދެން ސާޖަރީތައް ހަދަމުންދިޔަކަމަށެވެ. އަދި މިހާރު އޭނާ ހޮސްޕިޓަލުގައި އޮންނަތާ 11 ދުވަސްވެފައިވާއިރު ހިނގާބިނގާވެ އުޅޭކަމަށް އަފްއާލް ވިދާޅުވިއެވެ.

އަފްއާލް ވިދާޅުވީ ކޮންމެ ފަހަރަކު މިގޮތަށް މީހެއްގެ ފުރާނަ ސަލާމަތް ނުކުރެވިދާނެކަމަށާއި، އެހެންކަމުން މިފަދަ ކަންކަން ދިމާނުވާނޭ ގޮތަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި ރާއްޖޭގައި ރަނގަޅު ސަލާމަތީ މިންގަނޑުތަކާއި އުސޫލުތައްއެކުލަވާލާފައި އޮތް ނަމަވެސް އެއަށް އަމަލު ނުކުރެވޭކަމަށާއި ކޮންސްޓްރަކްޝަން ފަދަ މަސައްކަތް ކުރާ ތަންތަނުގައި ވަރުގަދަ އުސޫލުތަކެއް ތަންފީޒުކުރަންޖެހޭކަމަށް އައްފާލު ވިދާޅުވިއެވެ.


"ވަރަށް ތަފްސީލު ސޭފްޓީ ސްޓޭންޑާޑްސްތަކެއް ގާއިމްކޮށް އެކަން ކުރުމަށް ހުރިހާ ކޮންސްްޓްރަކްޝަން ކުންފުނިތަކަށާއި އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް އަންގާފައިވާތާ މިހާރު 8 ވަރަކަށް އަހަރުވެއްޖެ. ދިވެހިރާއްޖޭގައި މަސައްކަތްތައް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށް، އެ ވާހަކަ އެބަ ދައްކަންޖެހޭ" އައްފާލް ވިދާޅުވިއެވެ.

މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކޮށްދިނުމަށް ސިއްހީ ހިދުމަތްތެރިން އިލްތިމާސްކުރަމުންދާއިރު، ބައެއް ކޮންސްޓްރަކްޝަން ސައިޓުގައި އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުހުންނަކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި އެފަދަ ސައިޓުގައި ވަރަށް ހިތާމަވެރި ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ.