ޚަބަރު

އުތީމަށްފަހު، ޤައުމީދުވަހުގެ ޕެރެޑް ނ.އަތޮޅުގެ 3 ރަށެއްގައި


މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ޕެރޭޑްތައް، އުތީމަށްފަހު އިތުރު ތިން ރަށެއްގައި ބާއްވަން ނިންމައިފިއެވެ.

ޤައުމީދުވަހުގެ ހަވީރު ހއ.އުތީމުގައިވަނީ ޕެރެޑް ބާއްވާފައެވެ. މި އަހަރު ޤައުމީ ފެންވަރުގައި، ޤައުމީ ދުވަސް ފާހަގަކުރި ރަށަކީވެސް ހއ.އުތީމެވެ. އިއްޔެ ހަވީރު އުތީމުގައި އެމްއެންޑީއެފުން ބޭއްވި ޕެރޭޑުގެ ހަރަކާތް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙާއި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ބައްލަވާލައްވާފަައިވެއެވެ. އަދި، ހއ.އުތީމުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް އިއްޔެގެ ޕެރޭޑު ބައްލަވާލެއްވުމަށް މަގުތަކަށް ނިކުތެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ.

އުތީމުގައި އިއްޔެ ޕެރޭޑް ކުރިއަށްދިޔަ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގައި ވަނީ ރާގު ކުޅެފައެވެ. ޕެރޭޑު ހުއްޓާފައިވާ ސަރަހައްދުތަކުގައި ބޭންޑުން ރާގު ކުޅެމުންދިޔައިރު ކުޑަކުދިން ވެސް ބޭންޑާއެކު ބައިވެރިވެ، ތަރުހީބުދީފައިވެއެވެ.

އުތީމަށްފަހު ދެން ބާއްވާ ޕެރޭޑް އޮންނާނީ މިއަދު ހަވީރު، ނ.ކެނދިކުޅުދޫގައެވެ. އަދި، މާދަމާ ނ.ވެލިދޫގައި ޕެރޭޑު ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ހުކުރު ދުވަހު ޕެރޭޑު ބޭއްވުމަށް ހަމަޖެހިފައިވަނީ ނ.މަނަދޫގައެވެ.

މި ރަށްތަކުގައި ކުރިއަށްގެންދާ ޕެރޭޑުގައި ހަރަކާތްތެރިވާނީ އެންމެ ފަހުން ދަސްވެނިވި 68ވަނަ އަސާސީ ތަމްރީނު ކޯހުގެ ސިފަައިންނެވެ.