ޚަބަރު

ފިލިޕީންސް ސުންނާފަތި ކޮށްލުމަށްފަހު ތޫފާން ނޯރޫ ވިއެޓްނާމަށް


ގަދަ ވަޔާއި ބޯ ވާރެއާ އެކު ބާރުގަދަ ތޫފާން ނޯރޫ ވިއެޓްނާމަށް އަރައިފިއެވެ. މި ތޫފާން ވިއެޓްނާމާ ހަމައަށް ދަތުރުކޮށްފައި މި ވަނީ ފިލިޕީންސްއަށް އަރައި، އެ ޤައުމުގެ މައި ރަށް ކަމުގައިވާ ލުޒޯންގެ ސަރަޙައްދުތަކަށް އެރުމަށް ފަހުއެވެ. މި ތޫފާނުގެ ސަބަބުން އެ ރަށަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ތޫފާން މިހާރު އޮތީ ވިއެޓްނާމްގެ އިރުމަތީ އައްސޭރިފަށުގެ ސަރަޙައްދުގައެވެ. އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ އެ ޤައުމުގެ ތިންވަނައަށް އެންމެ ބޮޑު ރަށް ކަމުގައިވާ ޑެނާންގްއަށެވެ. މި ތޫފާނާ އެކު ގަޑިއަކު 117 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހެމުން ދާއިރު، ގަދަ ވަޔާއެކު އުސް ޢިމާރާތްތަކަށް ވެސް ގުޑުން އަރާފައިވާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އަދި ގިނަ އަދަދެއްގެ ރުއްގަސް ވެއްޓި، ގިނަ އަދަދެއްގެ ޢިމާރާތުގެ ފުރާޅުތައް ވަނީ އެއްލައިލާފައެވެ.

ތޫފާނާ އެކު ޢިމާރާތްތަކާއި ގެދޮރަށް ގެއްލުންވުމާ ގުޅިގެން 200,000 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އެ މީހުން މިހާރު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ގެދޮރުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ވިއެޓްނާމްގެ ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.

މި މަސައްކަތުގައި 240,000 އަށްވުރެ ގިނަ ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގައި ވިއެޓްނާމުން ބުނެއެވެ. ތޫފާނުގެ ނުރައްކަލާ އެކު ވިއެޓްނާމްގެ ގިނަ ސަރަޙައްދުތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެ ޤައުމުގެ ގިނަ އެއަރޕޯޓުތަކާއި ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ގިނަ ހައިވޭތައް ވެސް ވަނީ ބަންދުކޮށްފައެވެ.

މި ތޫފާން ފިލިޕީންސްގެ ސަރަޙައްދުތަކަށް އެރުމުގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ ހަޔަކަށް އަރާފައެވެ. ފިލިޕީންސްގެ ގިނަ ސަރަޙައްދުތަކެއް ވެސް މި ތޫފާނާ އެކު ހުއްޓުމަކަށް ދިޔައެވެ. އެއަރޕޯޓުތަކާއި ސްކޫލްތައް ބަންދުކޮށް ފެރީ ދަތުރުތަކާއި ވައިގެ އުދުހުންތައް މެދުކަނޑައިލަން ޖެހުނެވެ. އަދި 260,000 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހި، ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނެވެ.

މި ތޫފާނާ އެކު އަދި ގަދަ ވައިގައި ފިލިޕީންސްގެ އައްސޭރިފަށުގެ ރަށެއް ކަމުގައިވާ ކުއަންގް ތްރީގެ 300 އަށްވުރެ ގިނަ ގޭގެ ފުރާޅު އެއްލައިލިއެވެ. އަދި ގިނަ އަދަދެއްގެ ރުއްގަސް ވެއްޓުނެވެ. ފެންބޮޑުވުމުގެ ސަބަބުން ގެދޮރުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. މި ތޫފާނާ އެކު ލިބުނު ގެއްލުމުގެ އަގު 2.4 މިލިޔަނަށް އަރާނެ ކަމަށް ފިލިޕީންސްއިން އަންދާޒާ ކުރެއެވެ.