ކުޅިވަރު

ނޭޝަންސް ލީގު: ހަންގޭރީ ބަލިކޮށް އިޓަލީ ފައިނަލް ބުރަށް


ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭ ތިނެއްގައި ހަންގޭރީ ބަލިކޮށް އަންނަ އަހަރުގެ ޖޫން މަހު ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލް ބުރުން އިޓަލީ ޖާގަ ހޯދައިފިއެވެ.

ހަންގޭރީގައި ކުޅުނު އިމެޗް އިޓަލީވިލާތުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ހަންގޭރީންނެވެ. ނަމަވެސް އެޓީމަށް އަމިއްލަ ކުޅިބެލުންތެރިންގެ ކުރިމަތީ އިޓަލީގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މެޗް އެއްވަރު ކޮށްލައިގެންވެސް އަންނަ އަހަރުގެ ފައިނަލް ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އޮތް ހަންގޭރީއަށް ރޭގެ މެޗްގައި މުބާރާތުގައި އެޓީމް ދައްކަމުން އަންނަ އެންމެ މޮޅު ކުޅުން ދެއްކޭގޮތެއް ނުވިއެވެ.

މެޗްގެ 27 ވަނަ މިނެޓްގައި ހަންގޭރީގެ ޑިފެންސްގައި ހެދުނު ގޮހެއްގެ ފައިދާ ނަގާ އިޓަލީވިލާތުން މިމެޗްގެ ލީޑު ނެގިއެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ޖިއާންކޯމޯ ރަސްޕަޑޯރީ އެވެ. އަދި މެޗްގެ 52 ވަނަ މިނެޓްގައި ފެޑެރީކޯ ޑިމާކޯ ޖަހާދިން ލަނޑާއެކު އިޓަލީވިލާތުން މެޗްގެ ލީޑު ފުޅާކުރިއެވެ.

މިއީ މިފަހަރުގެ ވޯލްޑް ކޮލިފައިނުވެވުނު އިޓަލީވިލާތް އަލުން ރަނގަޅު މިސްރާބުން ދަތުރު ކުރާކަމުގެ ހެއްކެން ކަމުގައި ގިނަ ފަރާތްތަކުން ގަބޫލްކުރެއެވެ. އަދި މިއީ 1996 ވަނަ އަހަރަށްފަހު ހަންގޭރީގައި ކުޅެ އިޓަލީވިލާތް މޮޅުވި ފުރަތަމަ މެޗެވެ.

އިޓަލީވިލާތާއި އެކު ފައިނަލް ބުރަށް މިހާތަނަށް ދަތުރުކޮށްފައި ވަނީ ކްރޮއޭޝިއާ އާއި ނެދަލަންޑްސް އެވެ. އަދި ފަހު ޖާގަ ކަށަވަރުވާނީ މިރޭ ސްޕެއިން އާއި ޕޯޗުގަލް ބައްދަލުކުރާ މެޗަށްފަހު އެވެ. މި މެޗުން ބަލިވުމުން ހަންގޭރީ މިފަހަރުގެ މުބާރާތް ނިންމާލީ ގްރޫޕްގެ ދެވަނައިގާ އޮވެގެންނެވެ.