ރައީސުލްޖުމްހޫރިއްޔާ ފައިނޭންޝަލް ކޮންޓްރޯލަރގެ މަގާމަށް މުހައްމަދު އާޒާދު އައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް އާޒާދު އައްޔަންކުރެއްވީ އެ މަގާމުގައި ހުންނެވި ފާތިމަތު ރަޒީނާ އިސްތިއުދާ ދެއްވުމާއި ގުޅިގެންނެވެ.
އާޒާދަކީ ސީއެފްއޭ ޗާޓާ ހޯލްޑާއެއްގެ އިތުރުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗްލާސް ޑިގްރީއަކާއި ސައިންސްއިން ފައިނޭންސް ދާއިރާއިން މާސްޓާ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ ވަނީ، ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ރިފޯމް ކޮންސަލްޓަންޓެއްގެ މަޤާމާއި އެސްއޯއީ ފައިނޭންޝިއަލް ކޮންސަލްޓަންޓްގެ މަޤާމު ފުރުއްވާފައެވެ. އަދި ހަޒާނާ މޯލްޑިވްސްގެ އެކައުންޓް އެންޑް ފައިނޭންސްގެ އިސްވެރިޔާގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ. މީގެއިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބޯޑު މެމްބަރުކަންވެސް އާޒާދު ވަނީ ފުރުއްވާފައެވެ.
ފައިނޭންޝަލް ކޮންޓްރޯލަރގެ ޒިންމާތަކުގެ ތެރޭގައި ދައުލަތުގެ ފައިސާ އާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމު އޮޑިޓާ ޖެނަރަލް ކަނޑައަޅާ ގޮތެއްގެ މަތިން ބެލެހެއްޓުން ހިމެނެއެވެ. އަދި ދައުލަތަށް މުދާ ގަތުމާއި ރައްކާތެރިކަމާ އެކު ބެލެހެއްޓުމަކީވެސް ފައިނޭންޝަލް ކޮންޓްރޯލަރގެ ޒިންމާއެކެވެ.