ޚަބަރު

ނިއުކްލިޔަރ ހަތިޔާރުގެ ބިރުދެއްކުން ހުއްޓާލަންޖެހޭ: ގުތެރޭޝް


ނިއުކްލިޔަރ ހަތިޔާރު ބޭނުންކުރާނެ ކަމުގެ އިންޒާރުދީ، އެ ފަދަ ފަނާކުރަނިވި ހަތިޔާރު ބޭނުންކުރާނެ ކަމަށް ބުނެ ބިރުދެއްކުމާއި ބްލެކްމެއިލް ކުރުން ހުއްޓައިލުމަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ގޮވައިލައްވައިފިއެވެ. އޭނާ މި ކަމަށް ގޮވައިލައްވާފައި މި ވަނީ، ރަޝިޔާއިން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގައި ނިއުކްލިޔަރ ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

"ބަރްލިން ފާރު ވެއްޓުނު ފަހުން ގަރުނުތަކެއް ފާއިތުވެއްޖެ. ނަމަވެސް، އަނެއްކާ ވެސް އިވެމުން މި ދަނީ ނިއުކްލިޔަރ ހަތިޔާރު ބޭނުންކުރާނެ ކަމުގެ އިންޒާރުތަކުގެ އަޑު. އަޅުގަނޑު ވަރަށް ސާފުކޮށް ބުނަން ބޭނުން. ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރާނެ ކަމުގެ އިންޒާރު ދީގެން ޤައުމުތަކުގެ މެދުގައި ބްލެކްމެއިލް ކުރުން މިހިނދުންމިހިނދަށް ހުއްޓައިލަން ޖެހޭ،" ގުތެރޭޝް ވިދާޅުވިއެވެ.

ދާދިފަހުން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ، ރަޝިޔާގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާގެ ފުރިހަމަ ބާރުވެރިކަމާއި ހުރިހާ ހަތިޔާރެއް ބޭނުން ކުރަން އޭނާ ފަސް ނުޖެހޭނެ ކަމުގައި ވިދާޅުވެފައެވެ. އަދި، މީގެ ތެރޭގައި އެ ޤައުމާ އަލަށް ގުޅޭ ސަރަޙައްދުތައް ވެސް ހިމެނޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޕުޓިން އިޝާރާތް ކުރައްވާފައި އެ ވަނީ، ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިނުގެ ސަރަޙައްދުތަކަށެވެ. ޔޫކްރެއިނުގެ ހަތަރު ސަރަޙައްދަކުން މިހާރު ދަނީ ރަޝިޔާއާ ގުޅެން މަސައްކަތް ކުރަމުންނެވެ. އެއީ، ޑޮނެޓްސްކް، ލުހާންސްކް، ޚާރްސަން އަދި ޒަޕޮރީޜިޔާއެވެ. ރަޝިޔާއާ ގުޅުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތް އެ ސަރަޙައްދުތަކުގައި މިހާރު ދަނީ ކުރަމުންނެވެ.

ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ނިއުކްލިޔަރ ހަތިޔާރު ބޭނުންކޮށްފި ނަމަ، ރަޝިޔާއަށް "ނުރައްކާތެރި އަދި ފަނާކުރަނިވި" ހާލަތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކަން ވަނީ ރަޝިޔާއަށް އިންޒާރު ދެއްވާފައެވެ. މާނައަކީ، ރަޝިޔާއާ ދެކޮޅަށް އެ ފަދަ ހަތިޔާރު ބޭނުން ކުރަން އެމެރިކާއިން ފަސްނުޖެހޭނެކަން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

"ނިއުކްލިޔަރ ހަނގުރާމައެއް ފެށިއްޖެ ނަމަ، ކާމިޔާބީ ލިބޭނެ އެއްވެސް ޤައުމެއް ނޯންނާނެ. އެ ވާނީ އިންސާނީ މުސީބާތެއްގެ ފެށުމަށް. ނިއުކްލިޔަރ ހަނގުރާމައެއްގައި ކާމިޔާބީ ލިބޭނެ ކަމަށް ޤަބޫލު ކުރުމަކީ ވެސް މޮޔަ ޚިޔާލެއް. ނިއުކްލިޔަރ ހަތިޔާރު ނައްތައިލައިގެން މެނުވީ ޞުލްޙަ ޤާއިމު ކުރެވޭނެ އެއްވެސް މަގެއް ނުފެނޭ،" ގުތެރޭޝް ވިދާޅުވިއެވެ.

ނިއުކްލިޔަރ ހަތިޔާރު ގެންގުޅުން މަނާކުރާ މުއާހަދާ މުރާޖަޢާ ކުރުމާ މެދު މަޝްވަރާ ކުރުމަށް ހުސްވި އޮގަސްޓު މަހު އ.ދ.އިން އިސްނަގައިގެން ބޭއްވި ބައްދަލުވުން ވަނީ ނާކާމިޔާބުވެފައެވެ. އެ ބައްދަލުވުމަށް ހުށަހެޅި ކަރުދާސް ބަލައިނުގަންނަން ރަޝިޔާއިން ވަނީ ނިންމާފައެވެ. އަދި، އެ ކަރުދާސް ފާސް ކުރުމަށް ހުރަސް އަޅާފައެވެ. ސަބަބަކީ، ޔޫކްރެއިނުގެ ޒަޕޮރީޜިޔާގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓު ޔޫކްރެއިނާ އަނބުރާ ހަވާލު ކުރުމަށް ކަރުދާހުގައި ހިމަނާފައިވުމެވެ.

މި ކަމާ ގުޅިގެން ވެސް އެމެރިކާއިން ވަނީ ރަޝިޔާއަށް ފާޑުކިޔާފައެވެ. ނަމަވެސް، ނިއުކްލިޔަރ ހަތިޔާރު ގެންގުޅޭ އެއްވެސް ޤައުމަކުން، އެ ފަދަ ހަތިޔާރު ބޭނުން ކުރުން މަނާ ކުރާ މުއާހަދާއެއް 2017ވަނަ އަހަރަށް ފަހު ތަސްދީގުކޮށްފައެއް ނުވެއެވެ.

ހަނގުރާމައިގެ މައިދާނުގައި ނިއުކްލިޔަރ ހަތިޔާރެއް އެންމެ ފަހުން ބޭނުންކޮށްފައި ވަނީ އެމެރިކާއިންނެވެ. އެއީ، 1945ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަޕާނުގެ ހީރޯޝީމާއާއި ނަގަސާކީއާ ދެކޮޅަށެވެ. އެ ހަމަލާތަކުގައި 200,000 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި އެ ހަމަލާއަށް ފަހު ޖަޕާނުން ވަނީ އަމާންދީފައެވެ. އ.ދ.ގެ ޢާންމު މަޖިލީހުގެ 77ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ޖަޕާނުގެ ބޮޑުވަޒީރު ފުމިޔޯ ކިޝިޑާ ވަނީ، ނިއުކްލިޔަރ ހަތިޔާރު ނެތް ދުނިޔެއެއް ހޯދުމަށް މަސައްކަތް ކުރަން ވަޢުދުވެ ވަޑައިގަންނަވާފައެވެ.

"ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރާނެ ކަމަށް އިންޒާރު ދިނުމަކީ، އަދި އެ ފަދަ ހަތިޔާރެއް ބޭނުން ކުރުމަކީ، ދުނިޔޭގެ ޞުލްހަމަސަލަސް ކަމަށް އޮތް އެންމެ ބޮޑު ނުރައްކާ. މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން،" ކިޝިޑާ ވިދާޅުވިއެވެ.