ޚަބަރު

ކެންސަރާ ބެހޭ ޤައުމީ ދަފްތަރެއް އެކުލަވާލަނީ


ކެންސަރާބެހޭ ޤައުމީ ދަފްތަރެއް އެކުލަވާލެއްވުމުގެ މަޝްވަރާތައް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުގެ މެދުގައި މިއަދު ފަށްޓަވައިފިއެވެ. މިމަޝްވަރާތަކުގެ ބޭނުމަކީ، ރާއްޖޭގައި ކެންސަރު ބަލީގެ ޙާލަތު އޮތް މިންވަރު ދެނެގަތުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސެވުމެވެ. މިކަމަށްޓަކައި ބާއްވަވާ މަޝްވަރާ ބައްދަލުވުމެއް މިއަދު ވަނީ ފަށްޓަވާފައި، ހެލްތު މިނިސްޓްރީން އިންތިޒާމްކުރެއްވި މި ބައްދަލުވުން ފަށްޓަވައިދެއްވީ ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމެވެ.ކެންސަރުބަލީގެ ޙާލަތުގައި ރާއްޖޭގައި އޮތްގޮތް ދެނެގަތުމުގެ ބައްދަލުވުމެއް އިންތިޒާމްކުރައްވައި، ކަމާބެހޭ މުއައްސަސާތަކުގެ ހިންގުމާގުޅޭ އޮފިޝަލުންނާއި ފަނީ ބޭފުޅުންގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވެވުމުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގައި ކެންސަރު ބަލީގެ ޙާލަތު އޮތީ ކިހާ މިންވަރަކަށްކަން މިހާތަނަކަށް ރަސްމީ ހިސާބުތަކަކުން ދެނެގަނެވޭނެ އިންތިޒާމެއް ހަމަޖެއްސިފައި ނުވާތީ އެކަން ކުރެވޭނެ މަގުފަހިކުރެއްވުމެވެ. އަދި މިބަލީގެ ވޭން ތަޙައްމަލުކުރަމުން ގެންދާ މީހުންނާބެހޭ ފުރިހަމަ މަޢުލޫމާތު ބެލެހެއްޓޭނެ ހަރުދަނާ އުޞޫލުތަކެއް މި މަޝްވަރާތަކުގެ ތެރެއިން އެކަށައެޅުއްވުމެވެ. ރާއްޖޭގައި ކެންސަރުބަލީގެ މަޢުލޫމާތާއި ތަފާސްހިސާބު ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް މިވަގުތު ނެތްނަމަވެސް މިހާރުވެސް އެކި މަރުޙަލާތަކުގައި އެމަސައްކަތް ކޮންމެވެސް ވަރަކަށް ކުރެވި، ކޮންމެވެސް ވަރަކަށް މަޢުލޫމާތު އެއްކުރިވައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެތޯރިޓީން ފާހަގަކުރައްވައެވެ. އެހެންކަމުން މިހާރު މި ކުރައްވާ މަޝްވަރާއަށްފަހު މިކަން ހަރުދަނާކުރެއްވުމަކީ މުހިންމު އަމާޒެކެވެ. ރާއްޖޭގައި ކެންސަރުބަލީގެ މީހުންގެ ދަފުތަރެއް އެކުލަވާލައްވައި ބަލަހައްޓަވަމުން ގެންދަވާނެ ގޮތްތަކުގެ މައްޗަށް މިބައްދަލުވުމުގައި ތަފްޞީލްކޮށް މަޝަވަރާކުރައްވާނެއެވެ. ކެންސަރު ބައްޔާގުޅޭ ދަފްތަރެއް އެކުލަވާލެއްވުމުގެ މަޝްވަރާ ބައްދަލުވުން ފަށްޓަވައިދެއްވަމުން ހެލްތެ މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، މި ކުރެވޭ މަޝްވަރާތަކުގެ ސަބަބުން ކެންސަރުބަލި ކޮންޓްރޯލްކޮށް، ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް އެހީތެރިކަން ލިބިގެންދާނެކަމަށެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދު މާތުރު މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ކެންސަރު ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި ޤައުމީ ސިޔާސަތުތަކެއް ރާއްޖޭގައި ކަނޑައަޅުއްވަންޖެހޭ ކަމަށެވެ.ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާދެއްވުމުގެ އިންތިޒާމް ސަރުކާރުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. މި ގޮތުން މިހާރު ވަނީ އައިޖީއެމްއެޗުގައި ކީމޮތެރަޕީ ސުއިޓެއް ހުޅުއްވާފައެވެ. އަދި ކެންސަރުބަލީގެ ތަޙްލީލްކުރުމާއި ކަމާގުޅޭ އެހެން އިންތިޒާމްތައްވެސް ކުރައްވަން ގެންދަވަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ. ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބަލިތަކަކީ، ފުއްޕާމޭގެ ކެންސަރާއި، އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރުގެ އިތުރުން ރަޙިމުގެ ދޮރަށް ޖެހޭ ކެންސަރެވެ. އަދި ރާއްޖޭގެ ކެންސަރުޖެހޭ ޢުމުރު ދަށްވަމުންދާކަން ތަފާސްހިސާބުތަކުން ދަނީ ފާހަގަކުރެވެމުންނެވެ.