ޚަބަރު

ހދ.ފިނޭގެ ބޮޑު 3 މަޝްރޫއު ނިންމައި، ރަށަށް ބޮޑު ކުރިއެރުމެއް


ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހދ. ފިނޭގައި ކުރިއަށްގެންދިޔަ ތަރައްޤީގެ ބޮޑު 3 މަޝްރޫއެއްގެ މަސައްކަތް ނިންމައި، އިފްތިތާހުކޮށްފިއެވެ.

ހދ. ފިނޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު އިފްތިތާހުކޮށްދެއްވީ އެރަށު ފެނާއި ނަރުދަމާއާއި، އައު އިންޖީނުގެ އާއި އިންޖީނުގޭގެ އޮފީސް އިމާރާތެވެ.

ފެނަކައިން ދޭ މި ޚިދުމަތްތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވީ ކުޑަ އާބާދީއެއް އޮތް މި ރަށުން އެތައް ދުވަހެއް ވަންދެން އެދެމުން އައި މި ޚިދުމަތް ސަރުކާރުން ފެށުމަކީ އެއީ ރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ސައީދު ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް ނިމި ޚިދުމަތް ދެވެން ފެށުމަކީ އެ ރަށުގެ ކުރިއެރުމަށް ހުރި ކަންކަމުގެ ނިމުން ނޫން ކަމަށާއި، އެއީ އަދި ފެށުން ކަމަށެވެ.

ސައީދު ވިދާޅުވީ ފެނަކައާ މަތިވާ މަސައްކަތްތަކުގެ ތެރޭގައި މިނޫންވެސް އެތައް ކަމެއް އެބައޮތް ކަމަށާއި، އެ ހުރިހާ ކަމެއްވެސް ކުރާނެ ކަމަށެވެ. މިހާރުވެސް ބައެއް އެހެން ކުންފުނިތަކުން ކުރަމުން އަންނަ މަސައްކަތްތައްވެސް ފެނަކައާ ހަވާލުކުރާތީ އެކަމަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކާއި މެދު ސައީދު ވިދާޅުވީ، އެހެން ކުންފުނިތަކާއި ފެނަކައާ އޮންނަ އެންމެ ބޮޑު ތަފާތަކީ އެ ކުންފުނިން އުފައްދާ އިތުބާރާއި ޔަގީންކަން ކަމަށެވެ.

މިއަދު އެ ރަށުގައި އިފްތިތާހުކުރި ފެނާއި ނަރުދަމާގެ ނިޒާމަކީ ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް 2019 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި ފަށާ، އެ މަސައްކަތް ނިންމާލާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން 4.8 ކިލޯމީޓަރުގެ ފެނުގެ ނިޒާމްގެ ވިއުގައެއް ގާއިމްކޮށް، 7.2 ކިލޯމީޓަރުގެ ނަރުދަމާ ނިޒާމުގެ ވިއުގައެއް ވަނީ ގާއިމްކޮށްފައެވެ. މީގެއިތުރުން ދުވާލަކު 25 ޓަނުގެ ފެން އުފައްދާ ދެ އާރް.އޯ ޕްލާންޓް ބަހައްޓާފައިވާއިރު، ފެން ރައްކާކުރުމަށް 130 ޓަނުގެ ދެ ތާންގިއާއި ވާރޭފެން ރައްކާކުރުމަށް 110 ޓަނުގެ ތާންގީއެއް ވަނީ ބަހައްޓާފައެވެ.

މިމަޝްރޫއުގެ ދަށުން 179 ގެއަށް ފެނުގެ ކަނެކްޝަނާއި 180 ގެއަށް ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.