ޚަބަރު

ހަނިމާދޫ އެއަރޕޯޓް މަޝްރޫޢާއެކު ބޮޑުތިލަދުންމަތިން އިޤްތިޞާދީ ވިސްނުންތަކެއް!


ރާއްޖޭގައި ވައިގެ ދަތުރުގެ ޚިދުމަތް 13 އެއަރޕޯޓަކުން އަންނަނީ ދެމުންނެވެ. މި އެއަރޕޯޓްތަކުގެ ތެރެއިން އަތޮޅުތަކުން ރާއްޖެއިން ބޭރަށް ދަތުރުކުރެވޭ، އޮތީ 3 އެއަރޕޯޓެވެ. އެއީ އައްޑޫސިޓީ ގަމު އިންޓަރނޭޝަނަލް އެއަރޕޯޓާއި މާފަރު އިންޓަނޭޝަނަލް އެއަރޕޯޓާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓެވެ. ނަމަވެސް މިހާތަނަށްވެސް މާލެ ސަރަޙައްދު ފިޔަވައި އެކަށީގެންވާ ގޮތުގައި ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދެމުންއަންނަ އިންޓަނޭޝަނަލް އެއަރޕޯޓެއް ރާއްޖޭގައި ނެތެވެ.

ރާއްޖޭގެ އެންމެ އުތުރުން ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރީ 2012ވަނަ އަހަރުއެވެ. ނަމަވެސް ޚިދުމަތުގެ ގޮތުންނާއި ޢުމްރާނީ ތަރައްޤީގެގޮތުންވެސް މިހާތަނަސްވެސް އެއްވެސް ކުރިއެރުމެއް ގެނެސްފައެއް ނެތެވެ. ވައިގެ ދަތުރުފަތުރުގެ ބޮޑު ހަބަކަށް، ހަނިމާދޫ އެއަރޕޯޓު ހަދާނެކަމުގެ ހުވަފެން ހުރިހާ ސަރުކާރުތަކުންވެސް ދައްކަމުން ދިޔައެވެ.

ހަނިމާދޫ އެއަރޕޯޓުން މިހާރު ރާއްޖެއިން ބޭރު ދަތުރެއް ބާއްވަނީ ހަފްތާއަކު އެއް ދުވަހުއެވެ. އަދި މި ދަތުރުތައްވެސް ބާއްވަނީ ހަމައެކަނި އިންޑިއާއަށެވެ. މިއާއެކު ގިނަ ބަޔަކު މި ޚިދުމަތް ހޯދުމަށް އަދިވެސް ދާންޖެހެނީ މާލެއަށެވެ.

ރައްޔިތުންނަށް ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަކޮށް، ރާއްޖޭގެ މައި ސަރަޙައްދުތައް އިޤްތިޞާދީގޮތުން ހުޅުވާލުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތަޞައްވުރެވެ. މި ރޮނގުން ރާއްޖޭގެ ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ސަރުކާރުން އިޢުލާންކޮށްދެއްވި އެންމެ އުންމީދީ މަޝްރޫޢުއަކީ މި ސަރަޙައްދުގެ މައި އެއަރޕޯޓް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ފުރިހަމަ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ހައްދަވައިދެއްވުމުގެ ވަޢުދެވެ.

"ހަނިމާދޫ އެއަރޕޯޓް އެންމެ ޒަމާނީ ބައިނަލްއަޤްވާމީ ވައިގެބަނދަރަކަށް ހަދާ ވާހަކަ ބުނީމަ ހިތަށްއެރި މިއީ ހަމަ ވެދާނެކަމެއްބާއޭ. މީގެ ކުރީގެ ސަރުކާރުތަކުންވެސް ބޮޑުތިލަދުންމައްޗަށް މި ހުވަފެން ދެއްކި." ހަނިމާދޫން ވާހަކަދެއްކި އެރަށު ރައްޔިތަކު ބުންޏެވެ.

ކޮންމެއަކަށް މިއަދު މިއޮތީ މި ބޮޑު، ބިޔަ މަޝްރޫގެ އެއްބަސްވުން ޤާއިމުކޮށްފައެވެ. އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްފައިވާ މިމަޝްރުޢުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް ދެ މަސްދުވަހުގެތެރޭގައި ފަށާނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ. އެއްކަލަ ހުވަފެނުގެ، ކުލަ މަންޒަރު މިވަނީ ފެންނަން ފަށާފައެވެ.

ބޮޑުތިލަދުންމައްޗަށް ޒަމާނީ ބައިނަލްއަޤްވާމީ ވައިގެބަނދަރެއްގެ މުހިންމުކަން އެތައްގޮތްގޮތުން އެބައޮތެވެ. މި ސަރަޙައްދުގެ ރައްޔިތުން ފާހަގަކުރަމުން އަންނަ އެންމެ މުހިންމުކަމަކީ، ބޭސްފަރުވާއަށް ކުރަންޖެހޭ ދަތުރުތަކުގެ ތަކުލީފު ކުޑަވެ ލުއިފަސޭހަވެ، ސަރަޙައްދަށް އަންނާނެ އިޤްތިޞާދީ ބޮޑުކުރިއެރުމެވެ. ޚާއްސަކޮށް ފަތުރުވެރިކަމުގެ ވިޔަފާރި އެ ސަރަޙައްދުގައި ފުޅާވެގެން އައުމަށް ކުރާ އުންމީދުބޮޑެވެ.

ހދ.އަތޮޅުގައި މިވަގުތު ހިންގަމުން އަންނަނީ އެންމެ ރިސޯޓެކެވެ. އަދި ރަށްރަށުން ގެސްޓް ހައުސް ވިޔަފާރިއަށް ވަދެފައިވީނަމަވެސް، އެތަންތަނަށް ފަތުރުވެރިން ނާންނަ އެންމެބޮޑު ސަބަބަކީ ފަސޭހައިން ދަތުރުކުރެވެނެ ނިޒާމެއް ނެތުމެވެ. އެއަރޕޯޓް މަޝްރޫޢުއަކީ މުޅި ސަރަޙައްދުގެ ކުރިއެރުމާ ގުޅިފައިވާ މަޝްރޫޢުއެކެވެ.

"މުޅި ބޮޑުތިލަދުންމަތީގެ ތަރައްޤީއާ ގުޅިފައިވާކަމެއް އެއަރޕޯޓްގެ މި މަޝްރޫޢުއަކީ. ޓުއަރިޒަމަށް ބެލިއަސް، މަސްވެރިންނާއި ދަނޑުވެރިން ކުރާ މަސައްކަތްތަކުގައިވެސް، ރަނގަޅު އެކްސްޕޯޓް އިމްޕޯޓްގެ ވިޔަފާރިއެއް އުފައްދާ އެތައް ފައިދާއެއް ހޯދިދާނެކަމެއް." ހަނިމާދޫގެ ރައްޔިތަކު ފާހަގަކުރިއެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 2.46 ކިލޯމީޓަރުގެ އައު ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރާނެއެވެ. މިއިން ކޮންމެ ޚިދުމަތަކާއެކު ވަޒީފާގެ އެތަށް ފުރުޞަތުތައްވެސް ފަހިވެގެންދާނެއެވެ.

"އެއަރޕޯޓުން އިތުރުވާ ވަޒީފާތަކާއި އާ ވިޔަފާރިތައް އުފެދި ރަށްރަށުގައި މީހުން ތިބެގެން ދިރިއުޅުން ބައްޓަންކުރުމުގެ މުހިންމު މަގަކަށް މިކަން ވާނެ." އެ ސަރަހައްދުގެ ރައްޔިތަކު ފާހަގަކުރިއެވެ.

އެއަރޕޯޓް ތަރައްޤީކުރުމުގެ ތަޞައްވުރާއެކު، ސަރަޙައްދުގެ ރައްޔިތުން މިހާރުވެސްވަނީ ވިޔާފާރީގެ އިތުރުގޮތްތައް ހޯދަން ފަށާފައެވެ. އެގޮތުން މަސްވެރިކަމުން އުފައްދާ ބާއްވަތްތައް އިތުރުކުރުމުގެ ކުދި ވިޔަފާރިތަކަށް ވަނުމުގެ ޝައުގުވެރިކަން އަންނަނީ ފާޅުކުރަމުންނެވެ. އަދި ރަށްރަށުގައި ތިބެގެން، ރަށު ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއެރުވުންފަދަ މަސައްކަތްތައް ހިމެނެއެވެ.

"މި މަޝްރޫޢުތައް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބެމުންދާތީ، ރަށްރަށުގެ ބިންތަކުގެ އަގު އަރައިގެން އެބަދޭ. އަދި ކުދި ރަށްތަކުން، މިފަދަ މުހިންމު ޚިދުމަތްތައް ޤާއިމުކުރާ ރަށްތަކަށް އެބަ ހިޖުރަކުރަންވެސް ބޭނުންވޭ." ހަނިމާދޫގެ ރައްޔިތަކު ފާހަގަކުރިއެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް، މި ދައުރުގެ ކުރިން ނިންމާނެކަމަށް ސަރުކާރުން ހާމަކުރެއެވެ.

މި އެއަރޕޯޓުވާނީ ދުނިޔޭގައި ބޭނުންކުރާ ބޮޑެތި މަތިންދާ ބޯޓުފަހަރު ޖެއްސޭ ފެންވަރުގެ އެއަރޕޯޓަކަށެވެ. މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓްކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.

ބޮޑުތިލަދުންމަތީގެ ހުރިހާ ރައްޔިތުން ތިބީ، މި ބިޔަ މަޝްރޫޢު ނިމި އެމީހުންނަށް މީގެ ކުއިފަސޭހައާ އިޤްތިޞާދީ މަންފާ ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.