ޚަބަރު

ބަންޑާރަ ކޮށީގައި 8 ބުރީގެ ޢިމާރާތެއް ޢިމާރާތްކުރަނީ


ދިވެހި އަސްކަރިއްޔާއިން ފޯރުކޮށްދެއްމުންދާ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ސިފައިންގެ މައި މަރުކަޒު، ބަންޑާރަ ކޮށީގައި އަށްބުރީގެ އިމާރާތެއް އިމާރާތްކުރުމަށް އެލިއާ ކޮންސްޓްރަކްޝަނާއި ހާވަލުކުރައްވައިފިއެވެ. ބަންޑާރަ ކޮށީގެ ހުޅަގުފަރާތުގައި މިހާރު ހުރި ބައު އިމާރާތް ތަޅަލުމަށްފަހު އިމާރާތްކުރާ އިމާރާތަކީ 29 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. ކުރިއަށް އޮތް އެއްމަސްދުވަހުގެ ތެރޭގައި ފަށާ އައު އިމާރާތުގެ މަސައްކަތް ދުއިސައްތަ ސާޅިސް ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، ދިވެހި ސިފައިންގެ ޚިދުމަތް ރަގަޅު ކުރުމަށާ ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

ސިފައިންގެއަށް ބޭނުންވާ ވަސީލަތްތަކާއި، ފޯރުކޮށްދެއްވާ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށްޓަކައި އިތުރު ވަސީލަތްތައްތައް ހޯއްދެވުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޯސްޓްގާޑް ބިލްޑިންގގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު. އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ.