ޚަބަރު

ކެނދިކުޅުދޫ ކަރަންޓްގެ ޙާލަތު ރަގަޅުކުރުމަށް 800 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ގެންގޮސްފި


ކެނދިކުޅުދުއަށް ދިމާވެފައި އޮތް ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އެރަށަށް 800 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓެއް ގެންގޮސްފިއެވެ. މީ އެރަށަށް ދިމާވެފައި އޮތް ކަރަންޓްގެ މައްސަލައަށް ލިބިގެންދިޔަ ބޮޑުހައްލެއްކަަމަށް އެރަށު ރައްޔިތުން ޤަބޫލު ކުރެއެވެ.

ކަރަންޓް ކެނޑޭ މައްސަލަ ހައްލު ކުރުމަށާއި ރަށު މެދުގައިހުރި އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލުކޮށް ޒަމާނީ ރައްކާތެރި ކަރަންޓްގެ ޚިދުމަތެއް ފޯރުކޮށް ދިނުމަކީ މިސަރުކާރުކާރުގެ މުހިންމު ސިޔާސަތެކެވެ. ވަކިން ޚާއްސަކޮށް ރަށު މެދުގައި ކުރިން ހަނދާފައިހުރި އިންޖީނުގެތަށް ބަދަލުކުރުމަކީ ޚާއްސައިސްކަމެއް ދީގެން ކުރަމުންގެންދާކަމެއްކަން ފާހަގަ ކުރެވެއެވެ. ކެނދި ކުޅުދޫގައިވެސް އާ އިންޖީނުގެއެއް އިމާރާތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެރަށު ކައުންސިލްގެ ރައީސް މުޙައްމަދު ރައޫފް ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ވިދާޅުވީ، ރަށު މެދުގައި މިހާރު ހުރި އިންޖީނުގެ ހުރީ ސްކޫލާ ކައިރީގައިކަމުން ކިޔަވައި ދިނުމަށް އުނދަގޫވެގެން ޝަކުވާލިބޭކަމަށެވެ.

އަދި އިންޖީނުގެއިން ދުންއަރާތީ ސްކޫލުގެ ދަރިވަރުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުހުރި އިންޖީނުގެ ހުރި ސަރަހައްދަކީ ސަރުކާރު އޮފީސްތައްވެސް ހުންނަ ސަރަހައްދުކަމަށްވާތީ މުވައްޒަފުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވާކަމަށް ރައޫފް ވިދާޅުވިއެވެ.
މިކަމަށް މިއަހަރު ނިމޭއިރު ހައްލު ލިބިގެންދާނެކަމަށް ރައުފް ވިދާޅުވިއެވެ.

މިހާރު އެރަށުގައި ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުން ކުރަނީ 520 ކިލޯވޮޓްއާއި 400 ކިލޯވޮޓްއާ 250 ކިލޯވޮޓްގެ ތިންޖަނަރޭޓަރު ސެޓްތަކެކެވެ. އެރަށު ފެނަކައިގެ މެނޭޖަރ އާދަމް ސައީދު ވިދާޅުވީ ލޯޑް ބޮޑުވެގެން ކަރަންޓް ކެނޑޭ ހާލަތްތައް މިހާރު ގިނަކަމަށާ، އަލަށްގެނައި 800 ކިލޯވޮޓްގެ ޖަނަރޭޓަރ ސެޓް، އިންސްޓޯލް ކޮށް ނިމުމުން އެކަމަށް ހައްލު ލިބި ސައުވީސް ގަޑިއިރުގެ ކަރަންޓް ޔަގީންވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. ސައީދު ވިދާޅުވީ 800 ކިލޯވޮޓްގެ ޖަނަރެޓަރ ސެޓް މިހާރު ބޭނުން ކުރާ އިންޖީނުގެއަށް ވެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށާ، އެ ޖަނަރޭޓަރސެޓް ބަހައްޓާ ބެޑް ހެދުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުންދާކަމަށެވެ.

އެރަށުގައި ސަރުކާރުން ހަދާ އާ އިންޖީނުގޭގެ މަސައްކަތައް ބަލާއިރު މިހާރު ކުރަމުންދަނީ ހިޔާ ކުރުމާ ސިމެންތި ޖެހުމުގެ މަސައްކަތެވެ. އަދި ފިއުލްޓޭންކް ރާވައި ނިމިފައިވާއިރު، އެއިންޖީނުގެއިން ކަރަންޓް ފޯރުކޮށްދިނުމަށް ޓްރާންސް ފޯމަރުތައް ބެހެއްޓުމަށް ބޭނުންވާ ހަޓުތައް ހެދުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. އުންމީދަކީ އަންނައަހަރުގެ ކުރީކޮޅު ޒަމާނީ ނެޓްވޯކަކުން ރަށަށް ކަރަންޓް ފޯރުކޮށްދިނުންކަމަށް އާދަމް ސައީދު ވިދާޅުވިއެވެ. އޮފީސް އިމާރާތް ވަކިން ހާދައި ނިމި ޚިދުމަތް ދޭންވަނީ ފަށާފައެވެ. އަދި އެކަމުގެ ސަބަބުން އެތައް ލުޔެއް ރައްޔިތުންނަށް ލިބެމުންދާކަމަށް ކައުންސިލުން ފާހަގަކުރައްވައެވެ.

ކެންދިކުޅުދޫގެ 280 ގެއަކަށް ކަރަންޓްގެ ޚިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި މިއަހަރު އެރަށުން 227 ގޯތިވަނީ ދޫކޮށްފައެވެ. އެ ގެވަޅުތައް ދޫކޮށްފައި އޮތް ސަރަހައްދަށްވެސް ކަރަންޓް ފޯރުކޮށްދިނުމަށް ކޭބަލް އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވިދާޅުވިއެވެ.

ނަވާރަ ސަތޭކައެއްހައި މީހުންގެ އާބާދީއެއް އޮންނަ މިރަށުގައި މިހާރު ކިދުމަތް ފޯރުކޮށްދިނުމަށް އަޅާފައިވާ އިންޖީނުގެއަކީ 2010ވަަނައަހަރު އަޅާ ޚިދުމަތް ދޭން ފެށި އިންޖީނުގެއެކެވެ. އެރަށަށް ދިމާވެފައި އޮތް ކަރަންޓްގެ ޙާލަތު ރަގަޅުކުރުމަށް ސަރުކާރުން އެރަށުގައި ޙޯމް ސޯލާ ޕްރޮޖެކްޓްވެސް އަންނަނީ ހިންގަމުންނެވެ.