ޚަބަރު

މަދަނީ އިޖުރާއަތު ޤާނޫނަކީ ޝަރުއީ ދާއިރާއަށް ނިޒާމީ ބަދަލުތަކެއް ގެނުވާނެ ޤާނޫނެއް: ޝުޖޫން


މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފަށާފައިވާއިރު، އެޤާނޫނަކީ ޝަރީޢަތްކުރުމުގެ ނިޒާމުގެ ތެރެއަށް އާ ކަންތައްތަކެއް ތައާރަފުކޮށް، ނިޒާމީ ބަދަލުތަކެއް ގެނެސްފައިވާ ޤާނޫނެއްކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު ޝުޖޫން މިހެން ވިދާޅުވީ ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޖުޑީޝަލް އެކަޑަމީން ސިލްސިލާކޮށް ކުރިއަށްގެންދާ މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ 10 ވަނަ ބުރު ނިންމާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ޅ، ވ، މ، އަދި ދ. އަތޮޅުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނަށް އަމާޒުކޮށް ކުރިއަށްގެންދެވުނު މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާ މުޚާތަބުކުރައްވައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ދެއްކެވި ވާހަކައިގައި، މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފަށާފައިވާއިރު، އެ ޤާނޫނަކީ ޝަރީޢަތްކުރުމުގެ ނިޒާމުގެ ތެރެއަށް އާ ކަންތައްތަކެއް ތައާރަފުކޮށް، ނިޒާމީ ބަދަލުތަކެއް ގެނެސްފައިވާ ޤާނޫނެއްކަމަށެވެ. އަދި އެ ޤާނޫނުގެ މަޤްޞަދަކީ ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް، ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުންކަން ފާހަގަކުރެއްވިއެވެ.

ކޮންމެ ބަދަލަކީވެސް މަސައްކަތް ބިނާކޮށްފައިވާ ގޮތަށް ބަދަލުތަކެއް ގެނުވާނަމަ، އެ ބަދަލެއްގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ބަދަލެއް ނަމަވެސް، ޒިންމާއަކަށް ވާނީ ވިސްނުމާއި މަސައްކަތް އަދާހަމަކޮށް އިތުރަށް ހަރުދަނާކުރުންކަން ފާހަގަކުރެއްވިއެވެ. އަދި މި ބަދަލާއެކު ކޯޓުތަކުގެ އަމާޒަކަށްވާންވާނީ، ޚިދުމަތްތެރިންގެ ހައިސިއްޔަތުން، ޢާންމުންނަށް ފަސޭހައިން ޚިދުމަތް ލިބިގަނެވޭނެގޮތަށް ކަންކަން ބައްޓަންކުރުންކަމަށާއި، އެކަން ކުރެވޭނީ އެންމެން ގުޅިގެން އެކުގައި މަސައްކަތްކޮށްގެންކަން ފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އަމަލީގޮތުން ކުރިމަތިވާ ކަންކަމާއި، އޭގެ ހައްލާ ގުޅޭގޮތުން މަޝްވަރާކޮށް އެކަންކަމުގެ މަޢުލޫމާތު އެކަކު އަނެކަކާ ހިއްސާކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، އެކަން އެގޮތުގައި ކުރިއަށް ގެންދިއުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.

ފަނޑިޔާރުންނާއި ފަނޑިޔާރުގެއަށް އަމާޒުވާ އެންމެ އާންމު ޝަކުވާތަކަކީ މައްސަލަތައް ލަސްވުމާއި އެއް ބާވަތުގެ މައްސަލަތަކުގައި އެކިގޮތަށް ހުކުމްކުރުންކަން ފާހަގަކުރެއްވިއެވެ. މައްސަލަ ލަސްވުމާގުޅޭ ޝަކުވާތަކަށް އެންމެ އެދެވޭ ހައްލަކީ، މައްސަލަތައް އެކަށޭނަ ގޮތަކަށް ދުރާލާ ތާވަލުކޮށް، ކޮންމެ މައްސަލައެއް ވެސް ކުރިއަށް ދާނެގޮތް ޚަސްމުންނަށް އެނގިފައި އޮތުންކަމަށާއި، އެއީ، ގިނަ ފަހަރު މައްސަލަ ލަސްވުމުގެ ޝަކުވާއަކީ މައްސަލަ ކުރިއަށް ދާނެ ގޮތާބެހޭ މަޢުލޫމާތު ބުނެދެވިފައި ނުވުމުން ކުރިމަތިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ޢަމަލުކުރަމުންމިދާ މަދަނީ އިޖުރާއަތުގައި މިފަދައިން މައްސަލަތައް ތާވަލުކޮށް ކުރިއަށް ގެންދިއުމަށް ބާރުއަޅާކަން ފާހަގަކުރައްވައި، ކޯޓުތަކުގެ މަސައްކަތް އެ މިންގަނޑުން ހަމަޖައްސަމުން ގެންދިއުމަށް އިލްތިމާސްކުރެއްވިއެވެ.

ފަނޑިޔާރުންނާއި ފަނޑިޔާރުގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އަމާޒަކަށް ވާންވާނީ، ފަނޑިޔާރުގެއިން ދޭންޖެހޭ ޚިދުމަތް، އެ ޚިދުމަތް ފޯރުކޮށްދޭންޖެހޭ ފެންވަރުގައި، އެކަމުގައި ސުވާލު އުފެއްދުމުގެ ފުރުސަތު ވީހާވެސް ކުޑަވާނެގޮތެއްގެ މަތިން ފޯރުކޮށްދިނުންކަން އަބަދުވެސް ހަނދާން ކުރަންވާނެކަން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.