ޚަބަރު

ހަނގުރާމައަށް ފިލަން ރަޝިޔާގެ އެތައް ހާސް ބަޔަކު ޙިޖުރަކުރަނީ


ރަޝިޔާއިން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައަށް އިތުރު ސިފައިން ހޯދުމަށް އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިން އިޢުލާނު ކުރެއްވުމާ ގުޅިގެން، އަސްކަރިއްޔާއާ ގުޅުމަށް ޝަރުޠު ހަމަވާ އެތައް ހާސް ބަޔަކު ޤައުމު ދޫކޮށް ހިޖުރަ ކުރަން ފަށައިފިއެވެ. ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގެ ކުރީ ސަފަށް އިތުރު 300,000 ސިފައިން ފޮނުވާނެ ކަން ރަޝިޔާގެ ދިފާޢީ ވުޒާރާއިން އިޢުލާނުކޮށްފައި ވަނީ ހުސްވި ހަފުތާގައެވެ.

ހަނގުރާމައަށް ފިލަން ރަޝިޔާ ދޫކޮށް ހިޖުރަ ކުރާ މީހުން ދަތުރު ކުރަމުން ދަނީ އެ ޤައުމުގެ އަވަށްޓެރި ޤައުމުތަކަށެވެ. މި ގޮތުން، ރަޝިޔާއާއި މޮންގޯލިޔާ ގުޅޭ ސަރަޙައްދީ ހުރަހަށް ބަލައިލާއިރު، އެ ސަރަޙައްދު އޮތީ ތޮއްޖެހިފައެވެ. އެތައް ހާސް ބަޔަކު ދަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް މޮންގޯލިޔާއަށް އެތެރެވާން މަސައްކަތް ކުރަމުންނެވެ.

ސެޕްޓެންބަރު 21 ވަނަ ދުވަހު އެކަނި ވެސް މޮންގޯލިޔާއަށް 3,000 އަށްވުރެ ގިނަ ރަޝިޔާ ރައްޔިތުން އެތެރެވެފައިވާ ކަމުގައި އެ ޤައުމުން ބުނެއެވެ. އެއީ، ހަނގުރާމައިގެ ކުރީ ސަފަށް އިތުރު ސިފައިން ފޮނުވާނެ ކަން ޕުޓިން އިޢުލާނު ކުރެއްވި ދުވަހެވެ.

މޮންގޯލިޔާއަށް އެތެރެވެފައިވާ ރަޝިޔާ ރައްޔިތުންގެ ތެރޭގައި ގިނައީ އަސްކަރިއްޔާއާ ގުޅުމަށް ޝަރުޠު ހަމަވާ އުމުރުފުރައިގެ ފިރިހެނުންނެވެ. އަދި، ސަރަޙައްދީ ރޮނގުގައިވާ މޮންގޯލިޔާގެ އިމިގްރޭޝަން އިދާރާގެ ކައުންޓަރުތަކަށް ވަރަށް ބޮޑަށް ބާރު ބޮޑުވެފައިވާ ކަމުގައި އެ އިދާރާއިން ބުނެއެވެ.

ނަމަވެސް، ރަޝިޔާ ރައްޔިތުންނަށް މޮންގޯލިޔާއިން ވިސާ ދޫކުރަނީ 30 ދުވަހުގެ މުއްދަތަކަށެވެ. އަދި، އެ މުއްދަތު ހަމަވުމުން، އިތުރު 30 ދުވަހަށް ވިސާގެ މުއްދަތު އިތުރު ކޮށްދެއެވެ. ޔޫކްރެއިން ހަނގުރާމައަށް އިތުރު ސިފައިން ފޮނުވަން ނިންމުމުން ރަޝިޔާގެ އެކި ކަންކޮޅުތަކުގައި ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވެސް ވަނީ ފަށާފައެވެ. ރަޝިޔާގެ 32 ސިޓީއެއްގައި މުޒާހަރާ ކުރަމުން އެބަދެއެވެ. މި މުޒާހަރާތަކުގައި މިހާތަނަށް 726އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ މިނިވަން އިދާރާތަކުން ބުނެއެވެ.

މިއީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ރަޝިޔާއިން އެ ޤައުމުގެ އަސްކަރިއްޔާއަށް މިހާ ގިނަ އަދަދަކަށް ސިފައިން ވައްދަން ނިންމި ފުރަތަމަ ފަހަރެވެ. ޕުޓިން މި ގޮތަށް އަމަލުކުރަން ނިންމަވާފައި ވަނީ، ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާ އަސްކަރިއްޔާއަށް ލިބެމުންދާ ނާކާމިޔާބީތަކާ ގުޅިގެން ކަމަށް ބެލެވެއެވެ. ޔޫކްރެއިނުގެ ސިފައިން ދަނީ ރަޝިޔާގެ ކޮންޓްރޯލްގެ ދަށުގައި އޮތް ގިނަ ސަރަޙައްދުތަކެއް މިނިވަން ކުރަމުންނެވެ.

ނަމަވެސް، ޔޫކްރެއިނުގެ ބައެއް ސަރަޙައްދުތަކުން ފެންނަމުން ދަނީ ތަފާތު މަންޒަރެކެވެ. ޔޫކްރެއިނާ ވަކިވެ، ރަޝިޔާއާ ގުޅުމާ މެދު ރައްޔިތުންގެ މެދުގައި ޚިޔާލު ހުރިނެތްގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތް ޔޫކްރެއިނުގެ ހަތަރު ސަރަޙައްދެއްގައި ވަނީ ފަށާފައެވެ. ސެޕްޓެންބަރު 27އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެއެވެ.

ވޯޓުލުން ކުރިއަށް ދަނީ ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިނުގެ އުތުރުގައިވާ ދެ ސަރަޙައްދު ކަމުގައިވާ ޑޮނެޓްސްކްއާއި ލުހާންސްކްގެ އިތުރުން އެ ޤައުމުގެ ދެކުނުގައިވާ ޚާރްސަންއާއި ޒަޕޮރީޜިޔާގައެވެ. މި ވޯޓުގެ ނަތީޖާ ބަލައި ނުގަންނާނެ ކަމަށް އެމެރިކާއާއި ހުޅަނގުގެ ގިނަ ޤައުމުތަކުން ދަނީ ބުނަމުންނެވެ. އަދި، މިއީ ޞައްޙަ ވޯޓަކަށް ނުވާނެ ކަމުގައި ބުނަމުންނެވެ.

2014 ވަނަ އަހަރު ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ އެންމެ ދެކުނުގައިވާ ކްރައިމިޔާ ވެސް މި ފަދަ ގޮތަކަށް އަތުލައި، އެ ސަރަޙައްދަށް އަތްގަދަ ކޮށްފައެވެ. ރަޝިޔާއިން ޤަބޫލުކުރާ ގޮތުގައި ކްރައިމިޔާއަކީ މިހާރު އެ ޤައުމުގެ ސަރަޙައްދެކެވެ. އަދި، މި ގޮތަށް ނިންމާފައި ވަނީ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހުއެވެ.