ޚަބަރު

ބާރުގަދަ ތޫފާން 'ނޯރޫ' ފިލިޕީންސަށް އަރައިފި


ބާރުގަދަ ތޫފާނެއް ކަމުގައިވާ ނޯރޫ ފިލިޕީންސްގެ ސަރަޙައްދުތަކަށް އަރައިފިއެވެ. ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ފިލިޕީންސްގެ މައި ރަށް ކަމުގައިވާ ލުޒޯންއަށެވެ. މި ތޫފާނާ އެކު ގަޑިއަކު 195 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހެމުންދާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

ނޯރޫއަކީ މި އަހަރުގެ ތެރޭގައި ފިލިޕީންސްގެ ސަރަޙައްދުތަކަށް މިހާތަނަށް އަރާ އެންމެ ބާރުގަދަ، އަދި އެންމެ ނުރައްކާތެރި ތޫފާނެވެ. ތޫފާން އެންމެ ފުރަތަމަ އަރާފައި ވަނީ ކުއެޒޯން ޕުރޮވިންސުގެ ސަރަޙައްދުތަކަށެވެ. އަދި، ތޫފާނާ އެކު ބޯކޮށް ވާރޭވެހެމުން ދާއިރު، އެތައް ހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ކުއެޒޯންއިން އެކަނި ވެސް 4,600 އަށްވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.

ކުރިއަށް އޮތް ސައުވީސް ގަޑިއިރުގެ ތެރޭގައި މި ތޫފާން އިތުރަށް ބާރުގަދަ ވާނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމާކުރެއެވެ. ފިލިޕީންސް އޮންނަ ސަރަޙައްދަކީ ގިނަ އަދަދަކަށް ތޫފާންތައް އުފެދޭ ސަރަޙައްދެކެވެ. އަދި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން މި ތޫފާންތަކުގެ ބާރު އިތުރަށް ގަދަވެ، ނުރައްކާތެރި ކަން އިތުރުވާ ކަމަށް މޫސުމާ ބެހޭ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި ތޫފާނުގެ އަސަރު 13 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ވެރިރަށް މެނީލާއަށް ވެސް ދަނީ ކުރަމުންނެވެ. އަދި، ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން މެނީލާގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނެވެ. މީގެ ތެރޭގައި ގިނައީ ފަގީރު ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނެވެ.

މި ތޫފާނާ އެކު އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ރާޅު ބޮޑުވެ، ބައެއް ސަރަޙައްދުތަކަށް އުދަ އަރާނެ ކަމުގެ އިންޒާރު ވެސް ވަނީ ކޮށްފައެވެ. އަދި، ގަދަ ވަޔާ އެކު ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ. ތޫފާނާ ގުޅިގެން ކުއެޒޯންގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ފެރީ ދަތުރުތައް މެދުކެނޑިފައި ވާއިރު، މެނީލާގައި ވައިގެ ދަތުރުތައް ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ.

މީގެ ނުވަ މަސް ކުރިން އެ ޤައުމަށް އެރި މި ފަދަ ބާރުގަދަ ތޫފާނެއްގެ ސަބަބުން 400 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި، އެކި ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. ތޫފާން ނޯރޫ މިހާރު ދަތުރު ކުރަމުން ދަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަޙައްދާ ދިމާލަށެވެ. މި ތޫފާނާ ގުޅިގެން ސްކޫލްތަކާއި އޮފީސްތައް ވަނީ ބަންދުކޮށްފައެވެ.